ބައިނަލް އަގުވާމީ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދިޔަ ފީފާ އެލީޓް ރެފްރީ ކޯސް ނިންމާލައިފި އެވެ.

މިއަދު ހެނދުނު އެފްއޭއެމްގައި ބޭއްވި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޯހުގެ އިންސްޓްރަކްޓަރުން ކަމަށްވާ ފަރުހާދު އަބްދުﷲ އާއި އަހުމަދު ޚާލިދީ އާއި އެފްއޭއެމްގް ޖެނެރަލް ސެކެއްޓަރީ ހުސެއިން ޖަވާޒް އަދި ޑެޕިއުޓީ ޖެނެރަލް ސެކެއްޓަރީ އިސްމާއިލް އިޒްހާނެވެ.


މި ކޯހުގައި 30 ރެފްރީން ބައިވެރިވި އިރު ހުރިހާގޮތަކުން އެއްމެ މޮޅު ރެފްރީއަކަށް ހޮވިފައި ވަނީ މުޙައްމަދު ޖާވިޒް އެވެ.

ކޯހުގައި އިރުޝާދުދެއްވި އުޒްބަކިސްތާނުގެ ތަޖުރިބާކާރެއް ކަމަށްވާ ފަރުހާދު އަބްދުﷲ ވިދާޅުވީ، ކޯހުގައި ފުޓްބޯޅައިގެ ގަވައިދަށް އައިސްފައިވާ އެއްމެ ފަހުގެ ބަދަލުތަކުގެ މައުލޫމާތު ބައިވެރިންނަށް އޮޅުންފުލުވާދީފައި ވާނެ ކަމަށެވެ.

" މި ކޯހުން ލިބުނު މައުލޫމާތު އަމަލީ މައިދާނުގައި ފުރިހަމައަށް ބޭނުންކުރާނެ ކަމަށް އުއްމީދު ކުރަން. ރެފްރީން ނަށް ބޭނުންވާ ތަމްރީންނާއި ތަޖުރިބާ ހޯދައިދިނުމަށް ވެސް އެފްއޭއެމުން ވަރަށް ބޯޑު އިސްކަމެއްދެން. ރާއްޖޭގެ ސީނިއާ ރެފްރީން އަދި މިހާރު އަމަލީ ގޮތުން ރެފްރީކަން ނުކުރާ ކުރީގެ ރެފްރީން ވެސް އެފްއޭއެމަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ކޯސް ނިންމުމުގެ ގޮތުން ބޭއްވި ކުޑަ ރަސްމިއްޔާތުގައި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސެއިން ޖަވާޒް ވިދާޅުވި އެވެ.

މި ކޯހުގައި ބޭރުގެ ތަޖުރިބާކާރު ދެ އިންސްޓރަކަޓަރަކު ކިޔަވާ ދެއްވި އެވެ. އެއީ އުޒްބަކިސްތާނުގެ ރެފްރީ އިންސްޓްރަކްޓަރެއް ކަމަށްވާ ފަރުހާދު އަބްދުﷲ އާއި މެލޭޝިޔާގެ އިންސްޓްރަކްޓަރެއް ކަމަށްވާ އަހުމަދު ޚާލިދީ އެވެ.
އަދި ރާއްޖޭގެ ތަޖުރިބާކާރު ސީނިއާ ރެފްރީން ކަމަށްވާ މުހައްމަދު ސައީދާއި އަލީ ސަލީމް އަދި އަބީރު އިސްމާއިލް ބައެއް ސެޝަންތައް ނަންގަވާފައި ވާ އިރު، އެފްއޭއެމްގެ ކުރީގެ ރެފްރީސް ޑިރެކްޓާ އަދި މިހާރު ޑެޕިއުޓީ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް އިޒްހާން ވެސް ބައެއް ސެޝަން ނެންގެވި އެވެ.