ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކޮށް ނިންމަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ލާޒިމްކޮށްފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް، ކޮމެޓީތަކަށް މެމްބަރުން އައްޔަނެއް ނުކުރެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މަޖިލިސް އަލަށް އެކުލަވާލުމަށްފަހު، ފުރަތަމަ ދެ ހަފްތާ ތެރޭގައި ދާއިމީ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރަންވާނެ ކަމަށެވެ.

އާ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމަށްފަހު މަޖިލިސް އަލަށް އެކުލަވާލިތާ މިއަދަށް ދެ ހަފްތާ އާއި ތިން ދުވަސްވީ އެވެ. ނަމަވެސް ކޮމެޓީތަކަށް އައްޔަންކުރާނެ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީ އެކުލަވާލާނެ ގޮތާމެދު އެއްބަސްވުމަކަށް ނާދެވެ އެވެ.

މަޖިލީހުގައި ހިމެނޭ ފަސް ޕާޓީއެއްގެ މެމްބަރުންގެ މައްޗަށް އެކުލެވޭ، ކޮމެޓީގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތުން ވަނީ ކޮމެޓީ އެކުލަވާލަން އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީއޭއިން ކޮމެޓީތަށް ބެހުމުގައި ދޫދޭކަށް ބޭނުމެއް ނުވެ އެވެ.

ކޮމެޓީތަކަށް މެމްބަރުން އައްޔަން ނުކުރެވި ލަސްވަނީ ދެ ކޮމެޓީއެއްގައި މެމްބަރުން ތިބެން ޖެހޭ އަދަދަށް ވުރެ ގިނައިން މެމްބަރުން ހިމެނިފައި ވުމުންނެވެ. އެ ކޮމެޓީތަކުން ޕީޕީއެމާއި އެމްޑީއޭއިން ދެ ގޮނޑި ދޫކޮށްލުމުން މައްސަލަ ހައްލުވާނެ އެވެ.

މެމްބަރުން އިތުރުވެފައިވާ ކޮމެޓީތަކުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްޑީޕީން ގޮނޑި ދޫކޮށްލަން އެއްބަސްވިޔަސް ޕީޕީއެމާއި އެމްޑީއޭ ގޮނޑި ދޫކޮށްލަން އެއްބަހެއް ނުވެ އެވެ.

ވަގުތީ ކޮމެޓީން ޕާޓީތަކަށް "ސްލޮޓް"ތައް ކަނޑައަޅާފައިވާ ގޮތުން ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ 12 ކޮމެޓީއަކުން 59 ގޮނޑި ލިބެ އެވެ. އަދި އެމްޑީޕީއަށް 39 ގޮނޑި ކޮމެޓީތަކުން ލިބެ އެވެ. އަދި ޖޭޕީއަށް 23 ގޮނޑި ކޮމެޓީތަކުން ލިބެ އެވެ. އަދި އަދާލަތަށް ދެ ކޮމެޓީއަކުން ދެ ގޮނޑި ލިބެ އެވެ. މަޖިލީހުގައި އިންނެވި ހަމައެކަނި މިނިވަން މެމްބަރަށް ކޮމެޓީން ލިބިވަޑައިގަންނަވަނީ އެންމެ އެންމެ ގޮނޑި އެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ އަދަދަކީ 13 އެވެ. ދާއިމީ ކޮމެޓީތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އަށް ޕާޓީތަކަށް ސްލޮޓްތައް ދޭނެ އުސޫލެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.