ވޯލްޑް ކަޕުގެ ގްރޫޕް ބީގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޗިލީގެ ތަރި އާޓޫރޯ ވިޑާލް ފެނިދާނެ ކަމުގެ އުފާވެރި ހަބަރު އެ ޓީމުގެ ސަޕޯޓަރުންނަށް ކޯޗު ޖޯޖް ސަމްޕައޮލީ ދީފި އެވެ.

އަނިޔާގައި ހުރުމަށް ފަހު، މިދިޔަ ހަފްތާގައި އަޔަލޭންޑާ ދެކޮޅަށް ކުޅެ 2-0 ލަނޑުން ޗިލީ މޮޅުވި އެކުވެރިކަމުގެ މެޗުގައި ވިޑާލް ފެނިފައި ވެއެވެ. ޔުވެންޓަސް އަށް އިޓަލީ ލީގު ހޯދައި ދިނުމަށް އިސް ދައުރެއް އަދާކުރި ވިޑާލް އަށް ކުރިމަތިވި ކަކުލުގެ އަނިޔާއިން ސަލާމަތްވުމަށް ފަހު، ކުޅުނު އެކުވެރިކަމުގެ މެޗުގައި އޭނާ ފެނިގެންދިޔައީ 15 މިނެޓަށެވެ.

"ކުރިއަށް އޮތް ގަޑިއެއްހާ އިރު ތެރޭގައި ވިޑާލް އަށް ކުޅެވިދާނެކަން ޔަގީންވާނެ،" ޗިލީގެ ކޯޗު ބުންޏެވެ. "އޭނާ އަށް ކުރިމަތިވީ ފުދޭ ވަރެއްގެ ބޮޑު އަނިޔާއެއް. ނަމަވެސް އެ އަނިޔާއިން ސަލާމަތްވުމަށް ވިޑާލް އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި. އޭނާގެ ފިޒިއޯ ވެސް ވަރަށް ބުރަ މަސައްކަތެއް ކުރި. ޗިލީ ކުޅޭ ފުރަތަމަ މެޗުގައި ވިޑާލް އަށް ކުޅެވިދާނެ ކަމަށް އުންމީދުކުރަން."

އަނިޔާއިން ސަލާމަތްވެ، ވޯލްޑް ކަޕާ ވިޑާލް ކުރިމަތިލާއިރު، ކޯޗު ސަމްޕައޮލީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވިޑާލް އަށް މެޗު ޕްރެކްޓިސް ނުލިބުމެވެ.

"މިހާރު ފަރުވާއަށްޓަކައި ވިޑާލް ކުރަންޖެހޭ ހުރިހާ ކަމެއް ނިމިއްޖެ،" ސަމްޕައޮލީ ބުންޏެވެ. "މިހާރު ވިޑާލްއަށް ކުރިމަތިވި އަނިޔާއިން މުޅިން ރަނގަޅުވެއްޖެ. ކުރިއަށް ދެން އޮތީ ވިޑާލްގެ ފުޓްބޯޅަ މަރުހަލާ. ކުރިން ވިޑާލް ކުޅުނު ފެންވަރުގައި އަދި ނުކުޅެވިދާނެ ކަމަށް އަހަރެމެން ގަބޫލުކުރަން. އެކަމަކު އޭނާގެ ފެންވަރާ މެދު އަހަރެމެން ހަނދާން ނައްތައެއް ނުލަން."

ބްރެޒިލްގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ޗިލީ ނުކުންނާނީ މިރޭ ރާއްޖޭ ގަޑިން 3:00ގައެވެ.