13 Jun 2014, 15:57
މއ. މެރަނާގޭ ފަސް ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، މަރުވެގައި އޮއްވާ ފެނިފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ މއ. މެރަނާ ފަސް ވަނަ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށްގޮސް އެތަން ބަލައިފާސް ކުރަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މަރުވެފައިވާ މީހާގެ ހަށިގަނޑު މިހާރު ވަނީ އާ ސަހަރާއަށް ގެން ގޮސްފައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފަސް ވަނަ ފަންގިފިލާއިން ބާލާފައި ވަނީ އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
މަރުވެފައިވާ ހަށިގަނޑު އޮތްތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައި ވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.