13 Jun 2014, 15:42
ރޭ ފަތިހުން ފެށިގެން މެދުކެންޑުމެއްނެތި ރ. ރަސްމާދޫ އަށް އުދައަރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ރަސްމާދޫ ކައުންސިލްގެ ރައީސް އަހްމަދު އާމިރު މިއަދު "ސަން" އަށް ވިދާޅުވީ ރޭ ފަތިހުން ފެށިގެން ރަށުގެ އުތުރު ފަރާތުން ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށާއި، 50 ވަރަކަށް ފޫޓަށް ލޮނުގަނޑު އެއްގަމަށް އަރާފައި ވާއިރު އެ ސަރަހައްދުގައި 12 ގެ ހިމެނޭ ކަމަށެވެ. ނަމަވެސް އުދަ އެރުމުން އެއްވެސް މީހަކަށް ނުވަތަ ގެއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމާދޫ އުތުރުފަރާތުން އުދަ އެރުމަކީ އާންމުކަމެއް ކަމަށާއި އެކަމުން ލިބިދާނެ ގެއްލުންތަކުން ސަލާމަތް ވުމަށް ރަށުގެ ގެތަކުން ގެންނަ "ގާކުނޑި" ފަދަ ތަކެތި އަބަދު ވެސް ރައްޔިތުން އެ ދިމާލަށް ޖަމާކުރާ ކަމަށް އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާޅު ގަދަވުމުގެ ސަބަބުން އެތަނުގައި ހުރި ވެލިބަސްތާ ފަދަ ތަކެތި މިހާރު އޮޔާ ގޮސްފައިވާ ކަމަށާއި ފަތިހުން ފެށިގެން މެދުކެނޑުމެއް ނެތި އުދަ އަރަމުން ދާތީ ރައްޔިތުން ތިބީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑު ވެފައި ކަމަށެވެ.

ރަށް ގިރަމުންދާ ސަރަހައްދަށް އުދައެރުމުގެ ސަބަބުން އިތުރަށް ރަށްގިރަމުންދާތީ ކަމާބެހޭ އިދާރާތަކަށް މިހާރު އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދު ވެސް ކަމާ ބެހޭ ފަރާތްތަކުގައި އެދެމުން ދަނީ މި ސަރަހައްދުގައި ތޮށިގަނޑެއް އަޅާ ދިނުމަށް. މި މައްސަލަ އާންމުކޮށް ދިމާވާތީ ރައީސް އޮފީހާ، އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓްގައި ވެސް ރަސްމީކޮށް މީގެ ތިން އަހަރު ކުރިން ވެސް އަޅުގަނޑުމެން އެދިފައި ވާނީ،" އާމިރު ވިދާޅުވި އެވެ.