13 Jun 2014, 15:33
ތާރީހުގެ ތެރެއިން މިއަދު (13 ޖޫން) އަކީ، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ އަވަސް ރަތްކާޑު ފެނިގެން ދިޔަ ދުވަހެވެ. ޔުރުގުއާއީގެ ކުރީގެ ޑިފެންޑަރު ހޯޒޭ އަލްބާޓޯ ބަޓިސްޓާ ގޮންޒާލޭޒްއަށް ދެއްކި އެ ރަތްކާޑު ދައްކާފައި ވަނީ، މެޗު ފެށިގެން މިނިޓެއް ވެސް ހަމަ ނުވަނީހެވެ. އެއީ 1986 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވީ ހުކުރު ދުވަހެވެ.
މީގެ 28 އަހަރު ކުރިން މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްކޮޓް ލެންޑާ ދެކޮޅަށް ޔުރުގުއާއީ ކުޅުނު މެޗުގައި މިހާރު އުމުރުން 52 އަހަރުގެ ބަޓިސްއަށް މެޗުގެ ރެފްރީއަކަށް ހުރި ފްރާންސްގެ ޖުއެލް ކިންޔޫ ރަތްކާޑު ދައްކާފައި ވަނީ މެޗުގެ ފެށިގެން 56 ވަނަ ސިކުންތުގައެވެ.
އެ މެޗުގައި ބަޓިސްއަށް ރަތްކާޑު ދައްކަން ޖެހުނީ، ސްކޮޓްލެންޑުގެ އޭރުގެ މިޑްފީލްޑަރު އަދި މިހާރު ސްކޮޓިޝް ގައުމީ ޓީމުގެ ކޯޗު ގޯޑޯން ސްޓްރެޗަން ނުރައްކާތެރި "ޓެކްލް"އެއް ޖަހައި ދަނޑުމައްޗަށް "ކަނޑައި" ވައްޓާލުމުންނެވެ. ރެފްރީ ކިންޔޫ ވަނީ، ބަޓިސް ކުރި ނުރައްކާތެރި ފައުލާގުޅިގެން އޭނާއަށް ވަގުތުން ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ޔުރުގުއާއީ އިން އެއް ކުޅުންތެރިއަކު މަދު ކުޅެމުން ދިޔަ ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ކުޅެމުން ގެންދިޔަ ސްކޮޓްލެންޑަށް އޭގެ ފައިދާ އެއްގޮތަކަށް ވެސް ނުނެގި މެޗު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމުގެ އިތުރުން ސްކޮޓްލެންޑް އެފަހަރުގެ މުބާރާތާ އަލްވަދާއު ކިޔަން ޖެހިގެންނެވެ.
އޭގެ ފަހުން އަށް ފަހަރު ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ސްކޮޓްލެންޑަށް ލިބިފައި ވާއިރު، އެޓީމަށް އަދި އެއް ވެސް ފަހަރަކު މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނަޅައި ދެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ޔުރުގުރާއީ ވަނީ އެފަހަރު ޑެންމާކާއި ވެސްޓް ޖަރުމަނުގެ ފަހަތުން ގްރޫޕްގެ ތިން ވަނަ ހޯދައިގެން ގަދަ 16 އިން ޖާގަ ހޯދައިފައެވެ. އަދި ގަދަ 16ގައި ޔުރުގުއާއީ ކެޓީ އެފަހަރުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ އަތްދަށު ވެގެންނެވެ.