ކިޔެވް (ޖޫން 13) : ރަޝިޔާގެ ހަތިޔާރު ޔުކްރޭނަށް ގާނޫނާ ޚިލާފަށް އެތެރެވަމުންދިޔުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަން ޔުކްރޭނުން ރަޝިޔާއަށް އަންގައިފި އެވެ.

މިކަން ރަޝިޔާ އަށް އަންގަވާފައި ވަނީ ޔުކްރޭންގެ ރައީސް ބިތްރޯ ބޯޝިންކޯ، ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގަ އެވެ. ބޯޝިންކޯ، ޕޫޓިން އަށް މިކަން އެންގެވުމުގެ ކުރިން ޔުކްރޭންގެ ދާޚިލީ ވަޒީރު އަރްސީން އަފަކޯވް ވަނީ ރަޝިޔާގެ ހަނގުރާމަމަތީ ތިން ޓޭންކް، ސަރަހައްދީ ރޮނގުގެ ހުރަސްކޮށް ޔުކްރޭންގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ލޮހާންސްކް އަށް ވަދެއްޖެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އަފަކޯވް ވިދާޅުވީ މިތިން ޓޭންކް ޔުކްރޭނަށް ވަދެފައި ވަނީ ވަކިވެގަތުމަށް މަސައްކަތް ކުރަމުންގެންދާ ޖަމާއަތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި މިޓޭންކްތައް ވަދެފައި ވަނީ އެޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ލޮހާންސް ސިޓީގެ ޗެކްޕްއިންޓެއް ހުރަސްކޮށްގެން ކަމުގަ އެވެ. ރަޝިޔާ އިން ވަނީ ޔުކްރޭންގެ ދާޚިލީ ވަޒީރުގެ މިވާހަކަތައް ދޮގުކޮށްފަ އެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނަކު ވިދާޅުވީ އެގައުމުގެ އެއްވެސް ބާރެއް އަދި ހަތިޔާރެއް ވެސް ޔުކްރޭނަށް ވަދެފައިނުވާނެ ކަމަށާއި ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ރަޝިޔާ އިން އެހީތެރި ނުވާކަމުގަ އެވެ. މީގެ އިތުރުން ރަޝިޔާގެ ޚާރިޖީ ވުޒާރާ އިން ވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް ޔުކްރޭންގެ ސިފައިން ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާ އިން އިއްޔެ ބުނީ ޔުކްރޭނަށް ސުލްޙަ ގެނައުމަށް ޓަކައި ޔުކްރޭންގެ ސަރުކާރުން އިދިކޮޅު ޖަމާއަތްތަކާ ސުލްހައިގެ ވާހަކަތައް ދައްކަން ޖެހޭ ކަމަށާއި މިކަމަށް މަގުފަހި ކުރުމުގެ ގޮތުން، ޔުކްރޭންގެ ސިފައިން އެޖަމާއަތްތަކާ ދެކޮޅަށް ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމުގަ އެވެ. އަނެއްކޮޅުން ރަޝިޔާ އިން ވަނީ ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފަ އެވެ. އދ.ގައި ހުންނަވާ ރަޝިޔާގެ މަންދޫބު ވިދާޅުވީ މި ގަރާރު ބިނާވެފައި ވަނީ ޔުކްރޭންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އދ. ން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމުގެ މައްޗަށް ކަމުގަ އެވެ. ޔުކްރޭންގެ އިދިކޮޅު ޖަމާއަތްތަކުން ވަނީ އެގައުމުގެ އިރުމަތީ ދެސަރަހައްދު އެމީހުންގެ ބާރުގެ ދަށަށް ގެނަސް އެދެތަނުގައި ވަކި ދައުލަތެއް އިއުލާންކޮށްފަ އެވެ. (ރޮއިޓާސް)