ފީފާ ވޯލްޑް ކަޕް ބްރެޒިލް 2014 ހުޅުވި މެޗުގައި ކްރޮއޭޝިއާގެ ޑިފެންޑަރު ޑިޖާން ލޯވްރެން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބްރެޒިލްގެ ފޯވާޑް ފްރެޑަށް ފައުލު ކުރި ކަމަށް ބުނެ މެޗުގެ ރެފްރީ ބްރެޒިލްއަށް ދިން ޕެނަލްޓީއަކީ "ބޮޑު ލަދުވެތި ކަމެއް"ގެ ގޮތުގައި ކްރޮއޭޝިއާ ޓީމުން ސިފަކޮށްފި އެވެ.

ބްރެޒިލްގެ ސައޮ ޕޯލޯގައި ރާއްޖެއަށް ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގެ ވަގުތުގައި ކުޅުނު މެޗަށް ފަހު، ނޫސްވެރިނާ ވާހަކަދައްކަމުން ލޯވްރެން ބުނީ، ރެފްރީންގެ ފަރާތުން އެފަދަ ލަދުވެތި ނިންމުންތައް ފެނިގެން ދާނަމަ، ވޯލްޑް ކަޕް އިންތިޒާމު ކުރާ ފަރާތުން މި މުބާރާތުގެ ޗެމްޕިއަން ކަން ބްރެޒިލަށް ދޭންވެސް ފަސް ނުޖެހޭނެ ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ދެޓީމު 1-1 ލަނޑުން އެއްވަރު ވެފައި ވީ ނަމަވެސް ބްރެޒިލަށް ކުރިހޯދައި ދިނުމަށް ނޭމާއަށް ފުރުސަތު ލިބުނީ، މެޗުގެ ރެފްރީކަން ކުރަން ހުރި، ޖަޕާނުގެ ޔޫޗީ ނިޝިމުރާގެ ފަރާތުން ފެނިގެންދިޔަ ސުވާލުތަކެއް އުފެދޭ ފަދަ ނިންމުމުގެ ސަބަބުންނެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ނިޝިމުރާ، ބްރެޒިލަށް ޕެނަލްޓީ ދިނީ، ފްރެޑް އަތުން ބޯޅަ ހޯދަން ލޯވްރެން މަސައްކަތް ކުރަނިކޮށް ފްރެޑް ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓުމުންނެވެ. ރިޕްލޭއިން ފެންނަ ގޮތުން ފްރެޑް ވެއްޓެނީ ލޯވްރެންގެ ކުޑަކުޑަ ބީހިލުމަކާއެކު އެވެ.

"މިއީ ރެފްރީގެ ފަރާތުން ފެނުނު ވަރަށް 'ލަދުވެތި ނިންމުމެއް'. އަދި މިގޮތަށް ކަންތައްތައް ދާނަމަ، އަހަރެމެން ވީ ބްރެޒިލަށް މިފަހަރުގެ ވޯލްޑް ކަޕް ދޭން،" ލޯވްރެން ބުންޏެވެ.

"ހަގީގަތުގައި ވެސް އަހަރެން މިހިރީ ރުޅި އައިސްފައި. އަހަރެން ބޭނުންވަނީ ރޯން. އެކަމަކު އަހަރެން ކީއް ކުރާނީ؟" މާޔޫސްވެ ހުރެ ކޮރޮއޭޝިއާ ޑިފެންޑަރު ރިޕޯޓަރުންނަށް ބުންޏެވެ. "ކަލޭމެން މެޗު ބެލިއްޔާ ފެންނާނެ ހުރިހާ ކަމެއް. އަހަރެން އިތުރަށް ކިޔައިދޭނެ އެއްޗެއް ނެތް."

މި މުބާރާތުގައި ކްރޮއޭޝިއާ ކުޅޭ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކެމަރޫންއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ކޯޗު ނިކޯ ކޮވަޗް ވެސް ވަނީ ނިޝިމުރާ ބްރެޒިލަށް ދިން ޕެނަލްޓީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

"އެއީ ރެފްރީ ނިންމި ގޯސް ނިންމުމެއް،" ކޮވަޗް ބުންޏެވެ. "އަހަންނަށް ހީވަނީ، މުޅި ދުނިޔެއަށް ވެސް ފެނިގެން ގޮސްފި ހެން އެ ބޮޑު ގޯސް ނިންމުން."

ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނީ، "މިއީ ދެޓީމުގެ ފަރާތުން ވެސް ވަރަށް މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗެއް. އެކަމަކު ރެފްރީގެ އެ ގޯސް ނިންމުމުގެ ސަބަބުން މުޅި މެޗު ހަރާބުވެގެން ދިޔައީ،" ކަމަށެވެ.

ކްރޮއޭޝިއާގެ އެހެން ކުޅުންތެރިން ބުނީ، ޓީމުގެ ކުޅުމާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް ރެފްރީގެ އެ ދަށު ދަރަޖައިގެ ނިންމުމުގެ ސަބަބުން ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.

" މެޗުގެ ނަތީޖާ 1-1 ގައި އޮވެ ދެވަނަ ހާފުގެ ކުޅުން ކުރިއަށް ދިޔަ އިރު އަހަންނަށް އިހުސާސް ކުރެވުނީ، އަހަރެމެންނަށް މެޗުގެ ކޮންޓްރޯ އެބަ އޮތޭ. އެކަމަކު އެ ޕެނަލްޓީގެ ސަބަބުން މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ،" ޑިފެންޑަރު ވެޑްރަން ކޯލޫކާ ބުންޏެވެ. "އަހަރެން ބްރެޒިލަށް މަރުހަބާ ކިޔަން. އެކަމަކު އަހަރެން ގަބޫލެއް ނުކުރަން މި މެޗަކީ އެމީހުން މޮޅުވުން ހައްގު މެޗެއް ކަމަކަށް."

ބްރެޒިލް އަތުން ބަލިވި މެޗަށް ފަހު ކްރޮއޭޝިއާ ޓީމާއި ސަޕޯޓަރުންގެ ފާޑުކިއުންތައް ރެފްރީއަށް އަމާޒުވެގެން ދިޔައިރު، ސޯޝަލް މީޑިއާ ތަކުގައިވެސް ގިނަ ބަޔަކު ދަނީ ކުރިއަށް އޮތްތަނުގައި މެޗުތަކުގެ އޮފިޝަލުންގެ ފެންވަރު މިފަދަ މުބާރަތަކާ އެއްވަރަށް ޕްރޮފެޝަނަލް ކޮށް ގެދިއުމަށް ބުނެ ފީފާއަށް ވެސް ފާޑު ކިޔަމުންނެވެ.