ވޮޝިންޓަން (ޖޫން 13) : އިރާގުގައި ހަރަކާތްތެރިވާ ނުރައްކާތެރި ޖަމާއަތެއް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ ކުރިމަތީގައި އިރާގު ސިފައިންގެ ސަފުތައް ރޫޅި އެޖަމާއަތުގެ ހަނގުރާމަވެރިން ބަޣްދާދު ހިފުމަށް ތައްޔާރުވަމުން ދާތީ އެމީހުން ހުއްޓުވުމަށް ޓަކައި ކޮންމެކަމެއް ކުރަން ވެސް ފަސްނުޖެހޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވައިފި އެވެ.

އޮބާމާ ވިދާޅުވީ ބަޣްދާދު ހިފަން ތައްޔާރުވަމުންދާ ހަނގުރާމަވެރިންނަކީ އިރާގުގެ އަވަށްޓެރި ގައުމުތަކަށާ އަދި މުޅި ދުނިޔެއަށް ވެސް ހުރި ބިރެއް ކަމަށާ އެމީހުންގެ ކުރިއެރުން ހުއްޓުވުމަށް ޓަކައި އަސްކަރީ ބާރުގެ ބޭނުންކުރަން ވެސް އެމެރިކާ ފަސްނުޖެހޭނެ ކަމުގަ އެވެ. ދާޢިޝްގެ އަތްދަށަށް އިރާގުގެ ދެވަނަ ސިޓީ ކަމަށްވާ މޫސަލް އާއި އުތުރުގެ އެހެން ސިޓީއެއް ކަމަށްވާ ތިކްރީތު ދިޔުމާ އެކު އިރާގުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. ދާޢިޝް ޖަމާއަތުގެ ހަނގުރާމަވެރިންގެ ކުރިމަތީގައި އިރާގު ސިފައިންގެ ސަފުތައް ރޫޅި ވެރިރަށް ބަޣްދާދު ހިފުމަށް އެމީހުން މިސްރާބު ޖަހާފައިވާ އިރު ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ސަރުކާރު ދެމިއޮތުމާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އިރާގުގެ މިހާލަތާމެދު އަވަށްޓެރި ތުރުކީއާއި ކުވައިތާއި އީރާން އާއި އުރުދުން އާއި ލުބްނާނުން ކަންބޮޑުވާކަން ހާމަކުރަމުންދާ މިދަނޑިވަޅުގައި އޮބާމާ ވިދާޅުވީ އެމެރިކާގެ ސިޔާސަތަކީ ދާޢިޝް ފަދަ ބަދަލު ހިފުމުގެ ރޫހުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ވުޖޫދު އިރާގާއި ސޫރިޔާގައި އޮތަ ނުދިނުން ކަމަށާ މިކަމަށް ޓަކައި އެމެރިކާ ނުކުރާނެ ކަމެއް އަދި ނާޅާނެ ފިޔަވަޅެއް ނޯންނާނެ ކަމުގަ އެވެ. ނަމަވެސް އޮބާމާގެ މިވާހަކަތަކަށް ފަހު ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާ ސިފައިން އިރާގަށް އަލުން ފޮނުވުމުގެ އެއްވެސް ވިސްނުމެއް އޮބާމާ ނުގެންގުޅުއްވާ ކަމުގަ އެވެ. އަދި ދާޢިޝްގެ ހަނގުރާމަވެރިން މައިތިރި ކުރުމަށްޓަކައި އެމެރިކާ ބޭނުންކުރާނީ ވަގުތީ ޓެކްޓިކްތަކެއް ކަމަށް ވެސް ވައިޓް ހައުސް ގެބަޔާން ބުނެ އެވެ. އެމެރިކާ ސިފައިން ދެވަނަ ފަހަރަށް އިރާގަށް ފޮނުވުމަށް އޮބާމާ ފަސްޖެހެނީ އެމެރިކާ ސިފައިން އިރާގަށް އަރައިތިބި ދުވަސްވަރު އިރާގު ހަނގުރާމަވެރިންގެ އަތްދަށުން އެމެރިކާ ސިފައިންނަށް ލިބުނު "ވަރުގަދަ ފިލާވަޅު"ތަކުގެ ސަބަބުން ކަމަށާއި އެހެންކަމުން ދާޢިޝްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ ބޭނުންކުރާނީ ޑްރޯން ހަމަލާތަކެއް ކަމަށް މުރާސިލުން ލަފާކުރެ އެވެ.

އިރާގުގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިން އެގައުމުގެ އުތުރުގެ ބޮޑު ސަރަހައްދެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާ އެކު އިރާގުގައިކުއްލި ހާލަތު އިޢްލާންކުރުމަށް ބޮޑުވަޒީރު ނޫރީ އަލްމާލިކީ އިރާގުގެ ޕާލަމެންޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް މިކަމާމެދު ގޮތެއް ނިންމުމަށް ޕާލަމެންޓް ވަނީ ނުކުޅެދިފަ އެވެ. މިކަމާބެހޭ ގޮތުން ގޮތެއް ނިންމުމަށް 325 މެންބަރުން ހިމެނޭއިރާގުގެ ޕާލަމެންޓްގައި އިއްޔެ ބޭއްވި ޖަލްސާއަށް ހާޒިރުވީ އެންމެ 128 މެންބަރުންކަމަށް ވުމުން، އެޖަލްސާ ވަނީ ކުރިޔަށް ގެންދެވޭނެގޮތް ނުވެފަ އެވެ.

ބަޣްދާދު ހިފައި އިރާގުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ޖަމާއަތަކީ ކުރިން އަލްގާއިދާއަށް ނިސްބަތްވާ ޖަމާއަތެއް ނަމަވެސް މިއީ މިހާރު އަލްގާއިދާއާވެސް ވާދަކުރަމުން ގެންދާ އަދި އަލްގާއިދާ އަށްވުރެ ވެސް ބާރުގަދަ ޖަމާއަތެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދާއިޝްގެ ތަރުޖަމާނަކު އިއްޔެ ބުނެފައި ވަނީ އެމީހުން އަމާޒަކީ ބަޣްދާދު ހިފައި މާލިކީގެ ސަރުކާރު ވައްޓާލައި އިރާގުގެ ޝިޔަޢީންގެ އާބާދީ ބޮޑު ސަރަހައްދުތައް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެނައުން ކަމުގަ އެވެ.

"ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް"އުފެދިފައި ވަނީ 2003 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަތުމާ އެކު އިރާގުގެ ސުންނީންނަށް ލިބިގެންދިޔަ އަނިޔާތަކާއި ނިކަމެތި ކަމުގެ އިތުރުން އެމެރިކާގެ ބާރުގައި އިރާގުގައި އުފައްދާފައިވާ ޝިޔައީންގެ ވެރިކަމުގައި ސުންނީންނާ މެދު އަމަލު ކުރަމުންގެންދާ އަނިޔާވެރި ގޮތްތަކުގެ ސަބަބުން ބަދަލުހިފުމުގެ ނުރައްކާތެރި ރޫހެއްގަ އެވެ. އިރާގުގައި ދާޢިޝްގެ ބާރުގަދަވެ އިރާގުގައި އެމެރިކާ ގާއިމްކޮށްފައިވާ ވެރިކަމުގެ ނިޒާމް ރޫޅިގެން ދިޔުމުގެ ބިރުހީވެފައިވުމަކީ 2003 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަނެ އެގައުމާ ދެކޮޅަށްކުރި ހަނގުރާމަ މުޅިން ނާކާމިޔާބު ވެގެންގޮސްފައިވާކަން ހާމަވާކަމެކެވެ.

އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ބޮޑެތި ދޮގުހެދުންތަކަކާއި އޮޅުވާލުންތަކެއްގެ ތެރެއިން 2003 ވަނަ އަހަރު އިރާގަށް އެމެރިކާ އަރައިގަތީ އެގައުމަށް ހަމަޖެހުން ގެނަސް ޑިމޮކްރަސީ ގާއިމްކޮށް ޖަޕާންފަދަ ކުރިޔަށް ގޮސްފައިވާ ގައުމަކަށް ހަދައިދޭނެ ކަމުގެ ހުވަފެންތަކާއެކުގައެވެ. ނަމަވެސް އެމެރިކާ ސިފައިން އިރާގަށް އަރައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ނަތީޖާއަކީ އިރާގުގެ ކުރިއެރުމާއި ޙަޟާރަތުގެ އިތުރުން އެމުޅި ގައުމުވެސް މުޅިން ފުނޑުފުނޑު ކޮށްލައި ޓެރަރިޒަމްގެ ހާއްޔަކަށް އެގައުމު ހެދުމެވެ. މީގެއިތުރުން އިރާގުގެ ރައްޔިތުންގެ އެތައް ލައްކަ ބަޔަކު މަރައި ދެންތިބި ރައްޔިތުން ހާލުގައި ޖައްސައި ސުންނީންނާއި ޝިޔައީންގެ މެދުގައި ހަސަދަވެރިކަމާއި ފިތްނައިގެ ހުޅުގަނޑު ރޯކުރުން ވެސް ވަނީ މިކަމުގެ ނަތީޖާއަކަށް ވެފަ އެވެ. (ނޫސްއެޖެންސީތައް)