ގަވައިދާ ހިލާފަށް ގއ. މާފަރުން ނެގި ދޮންވެލި، އަލުން އެ ނެގިތަނަށް ހުސްކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވި ދިވެއްސަކާއި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ވެލި ނެގުމުގައި އިސްކޮށް ހަރަކާތްތެރިވި 46 އަހަރުގެ ދިވެހި ފިރިހެނަކާއި ގަވައިދާ ހިލާފަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށް ބެލެވޭ ހަތަރު ބިދޭސީން ކަމަށެވެ.

ގއ. މާފަރުން ހުއްދަނެތި ވެލި ނަގަމުން ދާކަމަށް ރިޕޯޓް ކުރީ ގދ. އަތޮޅު ކައުންސިލުންނެވެ. ރިޕޯޓްކުރުމާ އެކު ވެލި ނަގަމުން ދިޔަ ސަރަހައްދަށް ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ގޮސް ވެލިނެގުން ހުއްޓުވި ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނުން ނަގާފައިވާ ވެލި އެތަނަށް ހުސްކުރަން އެންގުމުން، އެކަމަށް ދެކޮޅު ހަދައި ފުލުހުންގެ އަމުރަށް އެމީހުން ނުކިޔަމަންތެރިވި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އެދޯންޏަށް އެވަގުތު އަރުވާފައި ހުރި 3000 އަށް ވުރެ ގިނަ ބަސްތާގެ ވެލި އެތަނަށް ހުސްކޮށްފައި ވަނީ ފުލުހުން ކަމަށެވެ.

ގަވައިދާ ހިލާފަށް ވެލިނެގި މައްސަލައާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގެ އިތުރުން ގަވައިދާ ހިލާފަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންގެ މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.