13 Jun 2014, 10:40
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 3-1 ލަނޑުން ބްރެޒިލް މޮޅުވި އިރު، ޒުވާން މިޑްފީލްޑަރު އޮސްކާ ދެއްކި މޮޅު ކުޅުމަށް އެޓީމުގެ ކޯޗް ލުއިސް ޕެލިފޭ ސްކޮލާރީ ތައުރީފް ކޮށްފި އެވެ.
ރާއްޖެގަޑިން ރޭ ދަންވަރު 1:00 ގައި ބްރެޒިލްގެ އެރީނާ ޑި ސައޮ ޕޯލޯގައި ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ކްރޮއޭޝިއާ އިންނެވެ. އެލަނޑަކީ ބްރެޒިލްގެ މާސެލޯ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. ކްރޮއޭޝިއާ ކޮޅަށް ބްރެޒިލްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ނޭމާ ކާމިޔާބު ކޮށްދިންއިރު، ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި ކުލަބް ޗެލްސީއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު އޮސްކާއެވެ.
ރޭގެ މެޗަށް ފަހު ބްރެޒިލްގެ ކޯޗް ސްކޮލާރީ ބުނީ، މުޅި މެޗުގައި ވެސް އެންމެ ފާހަގަ ކޮށްލެވުނީ އޮސްކާގެ ކުޅުން ކަމަށާއި އޭނަގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އިދިކޮޅު ކްރޮއޭޝިއާގެ ޓީމުން ބްރެޒިލްގެ ހާފު ތެރޭގައި ބޯޅަ ގެންގުޅެ ނުރައްކާތަކެއް ކޮށްފާނެހެން ހީވި ދަނޑިވަޅެއްގައި ބްރެޒިލްއަށް ހިތް އުފާކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޮސްކާ ޖަހައި ދިނުމުން މުޅި ޓީމަށް އާ ހިތްވަރެއް ލިބިގެން ދިޔަކަމަށް ސްކޮލާރި ބުންޏެވެ.
"އޮސްކާގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް. ބްރެޒިލްއަށް ހިތް އުފާކޮށްދިން ލަނޑު ޖަހައިދިނީ ވެސް އޮސްކާ. މުޅި މެޗުގައި ވެސް އޮސްކާ ދެއްކީ މޮޅު އަދި އެހާމެ ރީތި ކުޅުމެއް." މެޗަށްފަހު ބްރެޒިލްގެ ނޫސްތަކަށް ދިން އިންޓަވިއުގައި ސްކޮލާރީ ބުންޏެވެ.
ރޭގެ މެޗުގައި ބްރެޒިލްއިން ޖެހި ފުރަތަމަ ލަނޑު ނޭމާ ކާމިޔާބު ކޮށްދިން ނަމަވެސް، އެލަނޑު ނޭމާއަށް ޖަހައިދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ އޮސްކާ އެވެ. މެދުތެރެއިން އޮސްކާ ދިން ބޯޅަ ހިފައިގެން ވަދެ ނޭމާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ.
ކޯޗް ސްކޮލާރީ ބުނީ، ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓު ލިބުނު ކަމުގައި ވިޔަސް ކުރިއަށް ދެން އޮތީ ވެސް ވަރުގަދަ މެޗެއް ކަމަށާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންނަށް ހެދުނު ގޯސްތައް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި އުމުރުން 22 އަހަރުގެ އޮސްކާ ކުޅުނު ފުރަތަަމަ ފަހަރެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން ބްރެޒިލް ކުޅެންޖެހޭ ދެ ވަނަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00ގައި ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.