ބްރެޒިލްގައި ރޭ ފެށި ފީފާ ވޯލްޑް ކަޕް 2014ގެ ކްރޮއޭޝިއާ މޮޅުވަމުން ދަނިކޮށް، ނޭމާ އާއި އޮސްކާ ބްރެޒިލްގެ ހާސްކަން ފިލުވައިލަ ދީފި އެވެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު، އެރީނާ ސައޮ ޕޯލޯގައި ކުޅުނު މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ، ބްރެޒިލްގެ މައްޗަށް ކްރޮއޭޝިއާ ކުރި ހޯދައި ބްރެޒިލް ސަޕޯޓަރުންގެ ހިތް ތަޅުވައިލީ 11 ވަނަ މިނެޓްގައެވެ. މެޗުގައި ކްރޮއޭޝިއާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ ބްރެޒިލްގެ މާސެލޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ވޯލްޑް ކަޕުގެ ތާރީހުގައި ބްރެޒިލް އަތުން ބައިކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

ބްރެޒިލް އަތުން ބައިކޮޅަށް ވަން މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓަމުން ދިޔަ، ބްރެޒިލުން އިތުރު މަސައްކަތެއް ކުރި ތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭމާ ވަނީ އެ ޓީމަށް ދިރުމެއް ގެނެސްދީފައެވެ.

ބްރެޒިލްގެ މިޑްފީލްޑަރުގެ ބުރަ މަސައްކަތާއެކު ފޯވަޑް ނޭމާ އަށް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން އޭނާ ހިފީ ކްރޮއޭޝިއާގެ ގޯލާއި 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މިއީ ނޭމާގެ ފުރަތަމަ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނެޓްގައެވެ.

ދެ ޓީމު 1-1 ލަނޑުން މެޗުގެ ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަމަވެސް، އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ބްރެޒިލް ނުކުތީ އިތުރު ވަރުގަދަަކަމަކާ އެކު އެވެ. އެ ޓީމުން ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރުމަށް މަސައްކަތްކުރި އިރު، ކްރޮއޭޝިއާއިން މަސައްކަތްކުރީ އެ އެޓޭކްތައް ހުއްޓުވުމަށެވެ. ދެވަނަ ހާފުގައި ވެސް ކްރޮއޭޝިއާ އިން މަސައްކަތްކުރީ ކައުންޓާ އެޓޭކުތަކުގެ ފައިދާ ނެގުމަށެވެ.

މެޗުގެ 71 ވަނަ މިނެޓްގައި ބްރެޒިލްގެ ފެރެޑްއަށް ކްރޮއޭޝިއާގެ ޑެޖާން ލޮވްރެން ފައުލް ކުރީކަމަށް ނިންމައި ބްރެޒިލްއަށް ޕެނަލްޓީއެއް ދިނުމުން އެ ޓީމުގެ ސަޕޯޓަރުން އެކަމާ މެދު އުފާފާޅުކުރި އިރު، ކްރޮއޭޝިއާ އިން ދިޔައީ ރެފްރީގެ ނިންމުމަށް ދެކޮޅު ހަދައި އެޕީލް ކުރަމުންނެވެ. މެޗުގައި ބްރެޒިލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ނޭމާ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަމުން ދަނިކޮށް، ކްރޮއޭޝިއާގެ މަސައްކަތަށް ނިމުމެއް ގެނައީ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އޮސްކާ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓްގެ ތެރޭގައެވެ. ކްރޮއޭޝިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ރޮގު މަތިން އޮސްކާ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑި ކައިރިން ގޯލަށް ވަނުމާއެކު ބްރެޒިލްގެ ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަވެގެން ދިޔަ އެވެ. މިއީ އޮސްކާ ވޯލްޑް ކަޕުގައި ޖެހި ފުރަތަމަ ލަނޑެވެ.

ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް މި މެޗުގައި ވެނިޝިންގް ސްޕްރޭ ބޭނުންކުރި އިރު، މި މުބާރާތުގައި ގޯލް ލައިން ޓެކްނޮލޮޖީ ވެސް ބޭނުންކުރެއެވެ.

އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕުގެ ފުރަތަމަ މެޗު 3-1 ލަނޑުން ކާމިޔާބުކޮށް، މި މުބާރާތުގައި އެންމެ ފުރަތަމަ ތިން ޕޮއިންޓް ހޯދި ޓީމަށް ބްރެޒިލް ވަނީ ވެފައެވެ. އެންމެ ފަހުން ބްރެޒިލްގެ އަމިއްލަ ދަނޑުގައި ކުޅެގެން އެ ޓީމު ބަލިވެފައި ވަނީ 1975 ގެ ކޮޕާ އެމެރިކާ މުބާރާތުގައި ޕެރޫ އަތުން 3-1 ލަނޑުންނެވެ. ވޯލްޑް ކަޕުގެ ތާރީހުގައި މިހާތަނަށް ވޯލްޑް ކަޕް ބޭއްވި ގައުމު އެއްވެސް ފަހަރަކު އެ ޓީމެއް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެއް ނުވެއެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުގައި ކެމަރޫންއާ ދެކޮޅަށް މެކްސިކޯ ނުކުންނާނީ މިރޭ 9:00 ގައެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ އެރީނާ ޑަސް ޑުނާސްގައެވެ.