13 Jun 2014, 01:21
ފުޓްބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތް ވޯލްޑްކަޕާ ގުޅިގެން ކެފޭތަކާއި ރެންސްޓޯރަންޓުތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ވަގުތީ ހުއްދައެއް ދޭން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން"އަށް މިރޭ ވިދާޅުވީ މެންދަމު ތިނެއް ޖަހަންދެން ކެފޭތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭން ނިންމެވީ ވޯލްޑަކަޕްގެ މެޗުތައް ކުޅޭ ގަޑިއަކީ ރާއްޖެ އަށް ދަންވަރު ވަގުތައް ވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކެފޭތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޫކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. އަދި އެ ހުއްދަ ދެމި އޮންނާނީ ވޯލްޑްކަޕަށް އެކަނި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ފޯރި ގަދަ މުބާރާތްތައް ބެލުމަށް ގިނަ ޒުވާނުން ރައްޓެހިންނާ އެކު އެއްވަނީ ކެފޭތަކަށާއި ރެސްޓޯރަންޓްތަކަށެވެ. ވޯލްޑްކަޕާ ދިމާކޮށް މާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރަންޓުތައް ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ.
މިހާރު ކެފޭތައް އާންމުކޮށް ހުޅުވާފައި ހުންނަނީ މެންދަމު 1:00 ޖަހަންދެނެވެ.