މިރޭ 1:00 ގައި ފަށާ ވޯލްޑް ކަޕް 2014 ގެ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުބޮޑު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ސަން އިން ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ ސަން މީޑިއާ އާއި ވޯލްޑް ކަޕް ގެ އެއް ޕާޓްނަރު ކަމަށްވާ ކޮކާކޯލާ އާއި ގުޅިގެންނެވެ.

ސަންގެ މާކެޓިން މެނޭޖަރު މިންހާ ފާއިޒް ރަޝާދު ވިދާޅުވީ ވޯލްޑްކަޕުގެ ކޮންމެ މެޗެއްގެ ވެސް ނަތީޖާ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ތިން ނަސީބުވެރީން ހޮވައި އިނާމު ދޭން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކޮންމެ މެޗެއްގެ ވެސް ނަތީޖާ ދިމާކުރުމަށް އެސްއެމްއެސް ކުރެވޭނީ އެމެޗެއްގެ ދެވަނަ ހާފު ފެށުމާ ހަމައަށް ކަމަށް ސަންގެ މާކެޓިން އިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރާ ފަރާތްތަކުގެ ތެރެއިން އިނާމު ލިބޭ ތިން ފަރާތް ހޮވާނީ ގުރުއަތުން ކަމަށެވެ. އެ ގޮތުން ގުރުއަތުން ހޮވޭ ތިން ފަރާތުގެ ތެރެއިން އެއް ފަރާތަކަށް ލިބޭނީ ކޮކާކޯލާ ކޭހެކެވެ. އަނެއް ދެފަރާތަށް ލިބޭނީ ކޮކާކޯލާ އިން ދާދީ ފަހުން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ރަހަމީރު ޖޫހެއް ކަމަށްވާ މިނެޓް މެއިޑްގެ އެއް ލީޓަރުގެ 12 ފުޅި ހިމެނޭ ޖޫސް ކޭހެކެވެ.

ސަންގެ މާކެޓިން އިން އިތުރަށް ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ވޯލްޑްކަޕުގެ 64 މެޗުގެ ތެރެއިން އެންމެ ގިނަ މެޗުގެ ނަތީޖާ ދިމާކުރާ ތިން ފަރާތަކަށް ވެސް ވަރަށް ޚާއްސަ އިނާމެއް ދޭން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެ ތިން ފަރާތުން ކުރެ ކޮންމެ ފަރާތަކަށް ފިލިޕްސް ބްރޭންޑުގެ 42 އިންޗީގެ ޓީވީއެއް ދޭން ނިންމާފައިވާ ކަމަށް ސަންގެ މާކެޓިން އިން ވިދާޅުވި އެވެ.

ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއީލް ޒާހީ ޒާހިދު (ޒާހީ) ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން އެކަކަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް އެ މީހަކަށް ލަފާ ކުރެވޭ ނަތީޖާ ފޮނުވިދާނެ ކަމަށެވެ. އެހެން ނަމަވެސް ސިސްޓަމުން އޭނާގެ އަސްލު ނަތީޖާގެ ގޮތުގައި ބަލާނީ އެންމެ ފަހުން ފޮނުވި ނަތީޖާ ކަމަށް ޒާހީ ވިދާޅުވި އެވެ.
"މިސާލަކަށް މެޗު ފެށޭ އިރު ވެސް އެ މީހަކު ބޭނުމިއްޔާ ނަތީޖާ ފޮނުވިދާނެ. ނުވަތަ މެޗު ފެށުމުގެ ކުރީން ވެސް އަދި މެޗު ތެރޭގައި ވެސް ފޮނުވިދާނެ. އަޅުގަނޑުމެން އެ މީހެއްގެ ސްކޯ ކަމަށް ބަލާނީ ސިސްޓަމަށް އެންމެ ފަހުން ފޮނުވި މެސެޖު. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ސްކޯ ފޮނުވޭނީ 45 ވަނަ މިނެޓާ ހަމަޔަށް" ޒާހީ ވިދާޅުވި އެވެ.

މެޗު ތަކުގެ ނަތީޖާ އެސްއެމްއެސް ކުރާނެ ގޮތަކީ، މެޗް ޖަހާފައި ސްޕޭސް ދޫކޮށްފައި މެޗް ނަންބަރު ޖަހާފައި ސްޕޭސް ދޫކޮށްފައި ޓީމް ކޯޑް ޖަހާފައި ސްޕޭސް ދޫކޮށްފައި ސްކޯ ޖަހާފައި ސްޕޭސް ދޫކޮށްފައި ޓީމް ކޯޑް ޖަހާފައި ސްޕޭސް ދޫކޮށްފައި ސްކޯ ޖެހުމަށް ފަހު 8800 އަށް އެސްއެމްއެސް ކުރާނީ އެވެ.
މިސާލު: match(space)1(space)BRA(space)2(space)CRO(space)0 (send8800) އެވެ.

މެޗުތަކަށް އެސްއެމްްއެސް ކުރަންވީ ގޮތް ސަންގެ ވޯލްޑް ކަޕް ސަފްހާއިން ވެސް ފެންނާނެ އެވެ.