ބްރަސަލްސް: އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ) އަށް ކަނޑައަޅާފައިވާ ޔޫރަޕްގެ ޤައުމުތަކުގެ މަންދޫބުންނަށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބެލުމުގެ ދަޢްވަތު އީރާނުގެ ސަރުކާރުން ދީފިއެވެ. ޔޫރަޕްގެ އިއްތިޙާދުގެ ނަންހާމަކުރަންނޭދޭ ޑިޕްލޮމޭޓަކާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނިގޮތުގައި އީރާނުން މިދަޢްވަތު ދީފައިވަނީ ލިޔުމަކުންނެވެ. ނަމަވެސް އީރާނުގެ ދަޢްވަތު ލިބުނު ޔޫރަޕްގެ ޤައުމުތަކާއި އެޤައުމުތަކުގެ ޑިޕްލޮމޭޓުންގެ ނަންތައް ޔޫރަޕްގެ މަސްއޫލުވެރިޔާ ހާމައެއް ނުކުރައްވައެވެ.


މިކަމުގެ ބޭނުމަކީ ނިއުކްލިޔަރ މައްސަލާގައި އީރާނުގެ ހިތްނިޔަތް ތެދުކަން ހާމަކޮށްދިނުމާއި އެއްވެސް އެއްޗެއް ފޮރުވައި މަކަރެއް ހަދަން އީރާން ބޭނުންނުވާކަން ޔޫރަޕަށް ވިސްނައިދިނުން ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. އަދި އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރާކަމަށްބުނެ އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން ކުރާ ތުހުމަތުތަކަކީ އަސްލެއްނެތް އެއްޗެއްކަން ބަޔާންކޮށްދިނުމަކީވެސް އީރާނުގެ ބޭނުމެއް ކަމަށް މިފަރާތްތަކުން ދެކެއެވެ. ޔޫރަޕްގެ މަންދޫބުން ވަނުމަށް އީރާނުން ދަޢްވަތު ދިފައިވާ ނިއުކްލިޔަރ މަރުކަޒުތަކުގެ ތެރޭގައި ނަތަންޒް ނިއުކްލިޔަރ ރިއެކްޓަރާއި ބޫޝަހެރު ނިއުކްލިޔަރ ރިއެކްޓަރ ހިމެނޭ ކަމަށް އެސޯސިއޭޓެޑް ޕްރެސް ބުނެއެވެ.


ޔޫރަޕްގެ އިތުރުން ޢަރަބި ޤައުމުތަކާއި ރަޝިޔާގެ މަންދޫބުންނަށްވެސް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށްވަދެ އެތަންތަން ބެލުމުގެ ފުރްސަތު ދެވޭނެ ކަމަށް އީރާނުގެ ޚާރިޖިއްޔާއިން ބުުނެއެވެ. ނަމަވެސް އީރާނާމެދު ދުޝްމަންކަން ގެންގުޅޭ އެމެރިކާ، މިދަޢްވަތުން މަހްރޫމް ކުރެވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.