ބްރެޒިލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ދަނީ އެ ގައުމުގައި ބާއްވާ ވޯލްޑް ކަޕް ވީހާ ވެސް ކުލަގަދަ ކުރުމަށް ޓަކައި އަދިވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޯލްޑް ކަޕް ހުޅުވުމަށްޓަކައި ބްރެޒިލްގައި އޮންނަ ހާއްސަ ރަސްމިއްޔާތުގައި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒާއި 100 އެއްހާ ނެށުންތެރިންނާއި ޑްރަމަރުންނާއި ޖިމްނާސްޓަރުންގެ އިތުރުން 'އަޔަން މޭން'ގެ ކޮސްޓިއުމެއް ފެނިގެންދާނެ އެވެ.

މި މުބާރާތަށް ބްރެޒިލް ތައްޔާރުވަމުން ދިޔަ އިރު، ގިނަ އޯގަނައިޒަރުންނަށް ވަނީ ގިނަ ދަތިތަކަކާއި ކުރިމަތިވެފަ އެވެ. ނަމަވެސް އެއާއި ހިލާފަށް ބްރެޒިލުން ބޭނުން ވަނީ ކުލަގަދަ ރަސްމިއްޔާތަކަށް ތައްޔާރުވުމަށެވެ.

ވޯލްޑް ކަޕުގެ ރަސްމީ ލަވަ "ވީ އާ ވަން"ގެ އެއް ލަވަ ކިޔުންތެރިޔާ ކަމަށްވާ ޖޭލޯ އަށް ބައިވެރިވެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ނަމަވެސް، މިހާރު ބްރެޒިލުގެ އޯގަނައިޒަރުން ވަނީ ސަޕޯޓަރުންނަށް އެ ޔަގީންކަން ދީފަ އެވެ. ޖޭލޯއާ އެކު އެ ލަވަ ކިޔާފައިވާ މަޝްހޫރު ރެޕާ ޕިޓްބުލް އަދި ބްރެޒިލް ލަވަކިޔުންތެރިޔާ ކްލައުޑިއާ ލެޓޭ ވެސް ބައިވެރިވާނެ އެވެ. އޭގެ އިތުރުން ރަސްމިއްޔާތުގައި އެ ލަވަ އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ބްރެޒިލްގެ ބެރުޖަހާ ގްރޫޕަކާއި ނެށުން ތެރިންތަކެއް ބައިވެރިވާނެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޖޭލޯ އަށް އާދެވޭނެ ކަމުގެ ޔަގީންކަން ކުރިން ލިބިފައި ނުވަނީ އޭނާ ދާދި ފަހުން ރުޅިވެފައިވާ ލޯބުވެރިޔާއާ އެކު އަންނަން ހަމަޖެހިފައި އޮތުމުން ކަމަށެވެ.

ރާއްޖޭ ގަޑިން 10:00 ގައި އެރީނާ ކޮރިންތިއަންސްގައި ކުރިއަށްދާ ރަސްމިއްޔާތު ފުރިހަމަ ކުރުމަށް ޓަކައި ޖުމްލަ 1200 މީހުން ހަރަކާތްތެރިވެފައިވެ އެވެެ. ހަރަކާތްތައް ކުރިއަށްދާ އިރު، އެ ރަސްމިއްޔާތުގައި ބޭނުންކުރާ ކުރެހުމުގެ މަސައްކަތްތައް ކޮންމެ މިނެޓަކު ކުރިއަށްދާނެ ކަމުގައި ރަސްމިއްޔާތު އިންތިޒާމްކުރާ ފަރާތްތަކުން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ބޭނުންކުރާ ދަގަނޑު ކޮސްޓިއުމެއްގައި ހުރި މީހަކު ފެނިގެންދާ އިރު، އޭނާގެ ލައިގެން ހުރި ރޮބޯޓިކް ކޮސްޓިއުމް ކޮންޓްރޯލް ކުރަނީ ސިކުނޑީގެ ސިގްނަލްތަކުންނެވެ. އެ ދަގަނޑު ކޮސްޓިއުމްގައި ހުރި މީހާއަކީ ސިއްރަކަށް ވުމުން، އެ އައިޓަމް ބަލައިލުމަށް މީހުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ. ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ ކަމަށްވާ 'ބްރަކޫޒާ'ގައި ފުރަތަމަ ފައި ޖައްސާލާނީ ބްރެޒިލްގެ ނިއުރޯ ސައިންޓިސްޓް ތައްޔާރުކޮށްފައިވާ 'އަޔަން މޭން' އެވެ.

މީގެ އިތުރުން ވެސް ސަޕޯޓަރުންނަށް ހިތްގައިމު ހަރަކާތްތަކަކާއި، އާދަޔާ ހިލާފު ކަންތައްތަކެއް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އޯގަނައިޒަރުން ދެއެވެ. އެމީހުންގެ ހަމައެކަނި އެދުމަކީ މި ރަސްމިއްޔާތަށް ސަޕޯޓަރުން އިންތިޒާރު ކުރުމެވެ.