12 Jun 2014, 22:30
ސައޮ ޕޯލޯ (އޭޕީ)-- ވޯލްޑް ކަޕާ ދެކޮޅަށް ބްރެޒިލްގައި އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ކުރަމުންދާ މުޒާހަރާތައް ރޫޅާ ލުމަށް ސަލާމަތީ ބާރުތަކުން ރަބަރު އުންޑަ އާއި ކަރުނަގޭސް ބޭނުން ކުރަން ފަށައިފި އެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން ދަންވަރު 1:00ގައި ބައްދަލުކުރާ ދެ ޓީމަކީ، މުބާރާތް ބާއްވާ ގައުމު، ބްރެޒިލް އާއި ކްރޮއޭޝިއާ އެވެ. މެޗް ކުޅޭނީ ބްރެޒިލްގެ އެންމެ ބޮޑު ސިޓީ، ސައޮ ޕޯލޯގެ "އެރިނާ ޑިސައޮ ޕޯލޯ" ސްޓޭޑިއަމްގަ އެވެ.
ވޯލްޑް ކަޕް ބޭއްވުމާ ދެކޮޅަށް ސައޮ ޕޯލޯގެ މަގުތަކުގައި ތިބި މީހުންނަށް އަމާޒުކޮށް، ފުލުހުން ނާއި ސިފައިން ވަނީ ހެލިކޮޕްޓަރުތަކުގައި އައިސް ކަރުނަގޭސް މުޒާހަރާގެ ބައިވެރިންގެ ތެރެއަށް އޮއްސާލަމުން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. އަދި ރަބަރު އުންޑަވެސް މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ޖަހަމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ.
ބްރެޒިލްގެ ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލަކު އޭޕީ އަށް ދިން އިންޓަވިއުގައި ވިދާޅުވީ މުޒާހަރާގެ ބައިވެރިނަށް އަމާޒުކޮށް ކަރުނަގޭހާއި ރަބަރު އުންޑަ ޖަހަން ފެށީ ބުރެޒިލްގެ ކޯޓުން މުޒާހަރާތައް ރޫޅާލުމަށް އަމުރު ނެރުމުން ކަމަށެވެ. އެހެން ކަމުން މުޒާހަރާގައި ބައިވެރި ނުވުމަށް ވެސް ފުލުހުން ވާނީ އިލްތިމާސްކޮށްފައި ކަމަށް އޮޕިޝަލް ވިދާޅުވި އެވެ.
"މުޒާހަރާގެ ބައިވެރިން މުޒާހަރާކުރަމުން ދަނީ ގަވާއިދާ ވެސް ހިލާފަށް. އާމުންގެ މުދަލަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގެއްލުން ދެމުން. މުޒާހަރާގައި ގިނަ ކުޑަކުދިން ވެސް ބައިވެރި ކުރޭ. އެކަންކަމަކީ މުޅިން މަނާ ކަންތައް،" ބްރެޒިލްގެ ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލަކު އޭޕީ ދިން އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.
ގާތް ގަނޑަކަށް 21 މިލިއަން މީހުން ދިރިއުޅޭ ސައޮ ޕޯލޯގެ ސްޓޭޑިއަމް ހުންނަ ސަރަހައްދުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ސަބަބުން އެސަރަހްދުގައި ދިރިއުލޭ އާމުންނަށާއި ވިޔަފާރިވެރިންނަށް ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހިފައިވާ ކަަމަށް ވެސް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އަދި ގިނަ ބަޔަކަށް އަނިޔާވަމުން އަންނަ ކަމަށާއި މިއަދު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް މުޒާހަރާކުރަމުން ދިޔަ ގިނަ ބަޔަކުން ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
ބްރެޒިލްގައި މުޒާހަރާ ކުރާ ގިނަ މީހުންގެ ޝަކުވާއަކީ އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ އިޖުތިމާއީ ޚިދުމަތްތަކަށް ވުރެ ބޮޑަށް ކުޅިވަރަށް ހޭދަކުރާ ކަމަށް ބުނެ ކުރާ މުޒާހަރާތަކެވެ.
ސީއެންއެން އަށް ދެއްވި އިޓަވިއުއެއްގައި ބްރެޒިލްގެ ރައީސާ މީގެ ތިން ދުވަސް ކުރިން ވިދާޅުވެފައި ވަނީ މުބާރާތަށް ހުރަސް އެޅުމަށް ގައުމުގެ ގިނަ ރައްޔިތުންތަކެއް މަގުތަކަށް ނުކުމެ، ކުރާ މުޒާހަރާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މުބާރާތް ފެށެން ވާއިރަށް މުޒާހަރާތަކަށް ފިނިކަމެއް އަންނާނެ ކަމަށް ފީފާގެ ރައީސް ބްލެޓާ ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެއްވެސް އަދި މިހާތަނަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.