12 Jun 2014, 21:15
ކްރޮއޭޝިއާ އާއި ދެކޮޅަށް ނުކުންނަ އިރު ބްރެޒިލް ޓީމުގެ ސަޕޯޓަރުން ތިބީ، ޓީމަށް ސަޕޯޓް ކުރުމަށް ފުރިހަމައަށް ތައްޔާރު ވެގެން ކަމަށް ބްރެޒިލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
ބްރެޒިލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 1:00ގައި ބްރެޒިލްގެ އެންމެ ބޮޑު ޝަހަރު ކަމަށްވާ ސައޮ ޕޯލޯގެ "އެރިނާ ޑި ސައޮ ޕޯލޯ" ސްޓޭޑިއަމްގައެވެ.
ބްރެޒިލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، ޓީމަށް ސަޕޯޓް ކޮށްދިނުމަށް، ހުރިހާ ސަޕޯޓަރުން ވެސް ރީދޫ ކުލައިގެ ހެދުން ލައިގެން ސްޓޭޑިއަމަށް ދިއުން ވަރަށް މުހިންމު ކަމަށެވެ. އަދި ޓީމަށް ހިތްވަރު ދިނުމުގައި ސަޕޯޓަރުން މެޗް ނިމެންދެން ދަނޑުގައި ތިބުމަށް ވެސް ބްރެޒިލްގެ ފުޓްބޯޅައާ ބެހޭ އިދާރާއާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
ބްރެޒިލް ސަޕޯޓަރުން ޓީމަށް ސަޕޯޓް ކުރުމަށް ތައްޔާރަށް ތިބިކަމަށް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނާއިރު، މީޑިއާ ރިޕޯޓްތަކުން ބުނަނީ ވޯލްޑް ކަޕް ބޭއްވުމާ ދެކޮޅަށް އެގައުމުގެ ގިނަ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކަށް ފިނިކަމެއް އައިސްފައި ނުވާ ކަމަށެވެ. އެގޮތުން މިއަދުވެސް މިރޭގެ މެޗް ކުޅޭ ސްޓޭޑިއަމް ކައިރި ސަރަހައްދުގެ މަގުތައް މަތީގައި މުޒާހަރާ ކުރަމުން ދިޔަ ބައެއްގެ ތެރެއިން ބްރެޒިލްގެ ފުލުހުންނަށް ހުރަސްއެޅި ބަޔަކު ހައްޔަރު ކުރި ކަމަށް ބްރެޒިލްގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
ބްރެޒިލްގައި މުޒާހަރާ ކުރާ މީހުންގެ ޝަކުވާއަކީ އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އިޖުތިމާއީ ޚިދުމަތްތަކަށްވުރެ ބޮޑަށް ކުޅިވަރަށް ހޭދަކުރާ ކަމަށް ބުނެ ކުރާ މުޒާހަރާތަކެވެ.
ސީއެންއެންއަށް ދެއްވި އިޓަވިއުއެއްގައި ބްރެޒިލްގެ ރައީސާ މީގެ ތިން ދުވަސް ކުރިން ވިދާޅުވީ، މުބާރާތް ފެށެން އެންމެ ތިން ދުވަހަށް ވެފައި ވާއިރު މުބާރާތައް ހުރަސް އެޅުމަށް ގައުމުގެ ގިނަ ރައްޔިތުންތަކެއް މަގުތަކަށް ނުކުމެ، ކުރާ މުޒާހަރާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މުބާރާތް ފެށެން ވާއިރަށް މުޒާހަރާތަކަށް ފެނިކަމެއް އަންނާނެ ކަމަށް ފީފާގެ ރައީސް ބްލެޓާވެސް މީގެ ކުރިން ވަނީ ބުނެފައެވެ.