ފުޅާދާއިރާއެއްގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން އެންޒީ ބުރޭންޑްގެ ދަޅުމަސް ރާއްޖެއަށް އަލަށް ތައާރަފްކޮށްފި އެވެ.

އެންސިސް ކުންފުނީގެ ވެރިޔާ އަބުދުލް ވާހިދު މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖެއަށް އަލަށް ތައާރަފް ކުރި މަސް ދަޅު ރޯދަ މަސް ނިމެންދެން ހުސްނުވެ ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ މަސްދަޅަކީ ދިވެހި ކަނޑުމަސް ތައިލެންޑަށް އެކްސްޕޯޓްކޮށްގެން ތައްޔާރުކުރާ މަސްދަޅު ކަމަށް ވާހިދު ވިދާޅުވި އެވެ.

އެންޒީ ބުރޭންޑްގެ ތެޔޮ މަސް ދަޅެއް ވިއްކަނީ 21 ރުފިޔާއަށެވެ. ފެން މަސް ދަޅެއް ވިއްކަނީ 19 ރުފިޔާއަށެވެ. އަދި ތެޔޮ މަސް ދަޅު ކޭހެއް ވިއްކަނީ 840 ރުފިޔާ އަށެވެ.

"މިބުރޭންޑްގެ ދަޅު މަހުގެ ތަފާތަކީ ރާއްޖޭގައި ވިއްކާ އެހެން މަސްދަޅު ތަކުގައި ހުންނާނީ 80 ގުރާމް، ނަމަވެސް މީގެ ކޮންމެ ދަޅެއްގައި ހުންނާނެ 85 ގުރާމް، އަދި މިއީ އީޒީ އޯޕަން މަސް ދަޅުތަކެއް" ވާހިދު ވިދާޅުވި އެވެ.

އެންސިސް ކުންފުންޏަކީ ތަފާތު ވައްތަރުގެ ކާބޯތަކެތި އުފައްދައި ރާއްޖޭގެ ބާޒާރަށް ނެރޭ ކުންފުންޏެކެވެ.