12 Jun 2014, 20:30
ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ޗެލްސީ އަށް ސޮއިކޮށްފި އެވެ.
އާސެނަލް އަށް ކުޅުމަށްފަހު، 2011 ވަނަ އަހަރު ބާސާއާ ގުޅުނު މިޑްފީލްޑަރު ޗެލްސީގައި ބޭނުންކުރާނީ އެ ކްލަބުން ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)އާ ގުޅުނު ބްރެޒިލް ޑިފެންޑަރު ބޭނުންކުރި ހަތަރު ނަންބަރު ޖާޒީ އެވެ. ޗެލްސީ އަށް ސޮއިކުރިކަން އެ ކްލަބުން އިއުލާންކުރި ނަމަވެސް، އެ ކްލަބާއި ފެބްރިގާސް ގުޅުނީ ކިހާ ވަރެއްގެ ފީއަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
"އަހަރެންނަށް ޕްރިމިއާ ލީގުގައި ނުނިމި ހުރި މަސައްކަތްތަކެއް އެބަ ހުރި. މިއީ އެ މަސައްކަތްތައް ފުރިހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުސަތު،" ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ފެބްރިގާސް ބުންޏެވެ. "އަހަރެންނަށް ލިބުނު ހުރިހާ ހުށަހެޅުންތަކަކަށް ބެލުމަށް ފަހު، އަހަރެންނަށް އެންމެ ރަނގަޅު ކްލަބެއް ކަމަށް ފެނުނީ ޗެލްސީ. ފުޓްބޯޅައިގައި އަހަރެން ގެންގުޅޭ ވިސްނުމާއި އަހަރެން ގެންގުޅޭ ވިސްނުމާ ވެސް ވަރަށް ގުޅޭ. އެ ޓީމުގައި ހުރީ މޮޅު ކޯޗެއް. އަދި އެ ޓީމުގެ ސްކޮޑަކީ ވެސް ފެންވަރު ރަނގަޅު ސްކޮޑެއް. އަހަރެން މިހުރީ އެ ކްލަބަށް ކުޅެން ތައްޔާރު، އަދި ކެތްމަދުވެފައި."
ސްޕެއިންގެ މީޑިއާތަކުން ރިޕްޓްކުރާ ގޮތުގައި، ޗެލްސީން ފެބްރިގާސް އަށް ހަފްތާއަކު 200،000 ޕައުންޑްގެ މުސާރައެއް ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. ޗެލްސީގެ އިތުރުން ފެބްރިގާސްގެ ކުރީގެ ކްލަބު އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ ހޯދުމަށް މަސައްކަތް ކޮށްފައި ވެ އެވެ.
އާސެނަލްގައި ވިދާލުމަށް ފަހު، ފެބްރިގާސްގެ ޒުވާން އުމުރުގައި ކުޅުނު ބާސެލޯނާ އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ނަމަވެސް އާސެނަލްގައި އަށް އަހަރު ހޭދަކުރި ފެބްރިގާސް އަށް ބާސާގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.