12 Jun 2014, 20:10
ބްރެޒިލްގައި މިރޭ ފަށާ ވޯލްޑް ކަޕުގެ ގްރޫޕް ޖީގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވަން ޖެހޭ ކަމުގައި އެމެރިކާގެ ކޯޗު ޖާޖެން ކްލިންސްމަން ބުނެފި އެވެ.
މި މަހު 23 ގައި ޕޯޗުގަލާ ވާދަކުރުމުގެ ކުރިން މި މުބާރާތުގައި އެމެރިކާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގާނާއާ ދެކޮޅަށެވެ. އަންނަ އަންގާރަ ދުވަހު ގާނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިހާރުއްސުރެ، އެމެރިކާގެ ކޯޗު ކްލިންސްމަންގެ ވިސްނުން ހުރީ ޕޯޗުގަލް މެޗާ މެދު އެވެ.
"އަހަރެމެންގެ މަސައްކަތަކަށް ވާނީ ރޮނާލްޑޯ ހުއްޓުވުން،" އޭނާ ބުންޏެވެ. "މެޗުގައި އޭނާއަށް އުނދަގޫތަކާއި ކުރިމަތި ކުރެވޭނެ ގޮތްތަކާ މެދު އަހަރެމެން ވިސްނާނަން،"
އެމެރިކާ އަށް ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕުގައި ހޯދިދާނެ ކާމިޔާބީއާ މެދު ވާހަކަ ދެއްކުމަށް އިންކާރުކުރި އެ ޓީމުގެ ޖަރުމަން ކޯޗު ބުނީ، މިހާރު އެމެރިކާގައި ފުޓްބޯޅަ ކުރިއަރަމުންދާ ކަމަށާއި އެ މީހުންނަށް މުހިންމީ ޗެމްޕިއަންސް ލީގު ކްލަބުތަކަށް އެ ގައުމުގެ ކުޅުންތެރިން ކުޅުން ކަމަށެވެ.
"އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ އެމެރިކާއަށް ނިސްބަތްވާ ވީހާވެސް ގިނަ ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ވާދަކުރުން،" އޭނާ ބުންޏެވެ. "ކްލަބު ފެންވަރުގައި ކޮންމެ ކުޅުންތެރިއެއް ވެސް ބޭނުންވާނީ އެ މުބާރާތުގައި ކުޅެން. އެމީހުން ބޭނުންވާނީ ތަޖުރިބާ އާއި ހިތްވަރު. އެ ފެންވަރުގައި ކުޅެވިދާނެ ހާއްސަ ކުޅުންތެރިންތަކެއް މި ޓީމުގައި ވެސް އެބަ ތިބި."
މި މުބާރާތުގެ ގްރޫޕް ޖީގައި އެމެރިކާ ކުޅޭ އެންމެ ފަހު މެޗުގައި އެ ޓީމު ނުކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. ރެސިފޭގައި ކުޅޭ މި މެޗަށް އެމެރިކާ ނުކުންނަން ޖެހޭނީ ޖޫން 26 ވަނަ ދުވަހު އެވެ.