ފުޓްބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ ވޯލްޑްކަޕްގެ މެޗްތައް ދިރާގުގެ ކަސްޓަމަރުންނަށް ލައިވް ސްޓްރީމް މެދުވެރިކޮށް ވަގުތުން ބަލާލެވޭ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

ވޯލްޑް ކަޕާ ދިމާކޮށް ދިރާގުން ކުރިއަށް ގެންދާ "ދިރާގު ވޯލްޑް ކަޕް ސީޒަން" ފެށުމުގެ ގޮތުން ސަލްސާ ރޯޔަލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޕްރޮޑަކްޓް މެނޭޖަރު އަބްދުﷲ އަޒްމީ ވިދާޅުވީ، ދިރާގުން އަބަދު ވެސް މަސައްކަތް ކުރާނީ އޭރަކު ހިނގާ މުހިންމު ކަމެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން މި އަހަރުގެ ވޯލްޑްކަޕް މިރޭ ފަށާ އިރު ހުރިހާ މެޗެއް ވެސް ވަގުތުން ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯލްޑްކަޕްގެ ވަކި މެޗްތަކެއް ނުވަތަ ހުރިހާ މެޗްތަކެއް ބަލާލުމުގެ އިހްތިޔާރު ކަސްޓަމަރަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ހުރިހާ މެޗެއް ބަލަން ބޭނުންވާ ފަރާތްތަކުން މެސެޖެއްގައި "އޯލް" އިނގިރޭސިން ޖެއްސެވުމަށް ފަހު 500 އަށް އެސްއެމްއެސްއެއް ފޮނުވާލުމުން ލައިވް ސްޓްރީމް ބަލަން ބޭނުންވާ "ކީ ޕާސް" އެސްއެމްއެސް އަކުން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ވަކި މެޗްތަކެއް ބަލަން ބޭނުންވާ ފަރާތްތަކުން "ޑޭ" އިނގިރޭސިން ޖެއްސެވުމަށް ފަހު 500 އަށް އެސްއެމްއެސްއެއް ފޮނުވާލުމުން ލައިވް ސްޓްރީމް ބަލަން ބޭނުންވާ "ކީ ޕާސް" އެސްއެމްއެސް އަކުން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ވަކި މެޗްތައް ބަލަން ބޭނުންވާ ފަރާތްތަކުން ފޮނުވާ އެސްއެމްއެސް އަށް 29 ރުފިޔާ އަދި ހުރިހާ މެޗްތައް ބަލަން ބޭނުންވާ ފަރާތްތަކުން 149 ރުފިޔާ ޗާޖް ކުރާނެ ކަމަށާއި މޮބައިލް ފޯނާއި ޓެބްލެޓް އަދި ވައިފައި އާއި އިންޓާނެޓް ބޭނުންކޮށްގެން ވެސް މެޗްތައް ބެލޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ފޯނުން ނަމަ މެޗުތައް ބަލަމުން ދާއިރު ފޯނުގެ ޑޭޓާ އިން ވެސް ޗާޖްކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން މިހާރު ގެންދަނީ ވޯލްޑްކަޕާ ދިމާކޮށް ޕްރޮމޯޝަނެއް "އެސްއެމްއެސް އެންޑް ވިން"ގެ ނަމުގައި ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. އެ ޕްރޮމޯޝަންގައި މެސެޖެއްގައި އިނގިރޭސިން "ޑަބްލިޔުސީ 14" ޖެހުމަށް ފަހު 588 އަށް އެސްއެމްއެސް ކުރުމުން ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ސަލްސާ ރޯޔަލް އާއި ގުޅިގެން އެ ރެސްޓޯރަންޓްގައި ވޯލްޑްކަޕް ބަލާލުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.