12 Jun 2014, 19:23
މިރޭ ފަށާ ވޯލްޑްކަޕްގައި ބްރެޒިލާ ދެކޮޅަށް ކްރޮއޭޝިއާ ނުކުންނާނީ ކާމިޔާބު ހޯދުމުގެ އަޒުމާއެކު، ބްރެޒިލައަކީ ހަމައެކަނި ނޭމާ ނޫން ކަަމަށް ދެކިގެން ކަމަށް ކްރޮއޭޝިއާ ޓީމުގެ ކޯޗު ނިކޯ ކޮވަޗް ބުނެފި އެވެ.
ބްރެޒިލްގެ އެންމެ ބޮޑު ޝަހަރު ކަމަށްވާ ސައޮ ޕޯލޯގެ "އެރިނާ ޑި ސައޮ ޕޯލޯ"ގައި ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00ގައި ބްރެޒިލްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކްރޮއޭޝިއާ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރު އެ ޓީމުގެ ހެޑް ކޯޗް ނިކޯ ކޮވަޗް ބުނީ، ބްރެޒިލްއާ ދެކޮޅަށް ނުކުންނާނީ ފޮނި އުންމީދަކާއެކު މެޗް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ބްރެޒިލްއާ ދެކޮޅަށް ނުކުތުމަށް ފުރިހަމައަށް ތައްޔާރުވެން ކަމަށް އޭނާ ބުންޏެވެ. އަދި ބްރެޒިލް ޓީމަކީ ހަމައެކަނި އެ ޓީމުގެ ފޯވާޑް ނޭމާ ނޫން ކަމަށް ވެސް ކޯޗް ނިކޯ ކޮވަޗް ބުންޏެވެ.
"ކްރޮއޭޝިއާ ޓީމުގައި ތިބީ ކާމިޔާބު ހޯދަން މަސައްކަތް ކުރާ މޮޅެތި ކުޅުންތެރިން. ބްރެޒިލްގެ ފޯވާޑް ނޭމާ ދެކެ ބިރުގަންނަ ވަރުގެ ކުޅުންތެރިއެއް ކްރޮއޭޗީއާ ޓީމުގައި ނުހުންނާނެ. ނެމާގެ ހަމަލަތައް ހުއްޓުވަން ޑިފެންޑަރުންގެ ރޯލް މިރޭ ކިތަންމެހާ ވެސް ބޮޑު. އެކަން ޑިފެންޑަރުން މިރޭ ސާބިތު ކޮށްދޭނެ ކަމާ މެދު ޝައްކެއް ނުކުރަން،" ކޯޗް ނިކޯ ބުންޏެވެ.
ދެހާސް ދެ ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ޓީމުގައި މޮޅު ކުޅުމެއް ދެއްކި، ކޯޗް ނިކޯ ކޮވަޗް ބުނީ، ބްރެޒިލްގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ މެޗް ކުޅެން ޖެހުމުން، އެކަމަކީ ޖެހިލުންވެ ފިޑިވާން ޖެހޭވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލްއާ ދެކޮލަށް ކުޅުނު މެޗުން 1-0 ލަނޑުން ބަލިވި ބަލިވުން، ތަކުރާރު ވިޔަ ނުދިނުމަށް ހުރިހާ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް ވެސް ކޯޗް ނިކޯ ބުންޏެވެ.