12 Jun 2014, 17:16
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ވަޒީފާދެއްވި ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް ރިޝީފް ތޯހާ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުއްދަތެއް ނެތްގޮތަށް ރިޝީފް ސަސްޕެންޑުކޮށްފައި މިއަދު ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑުކޮށްފައި ވަނީ ފުލުހުންގެ ކޯޑު އޮފް ކޮންޑަކްޓާ ޚިލާފު އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނާތީ އެވެ.
ރިޝީފް ވަޒީފާ އިން ވަކިކުރީ އޮގަސްޓް 6، 2010 ވަނަ ދުވަހުގެ ރޭ ފަތިހު މާވެޔޮ މިސްކިތް ކައިރީގައި އަންހެން ކުއްޖަކު ހުއްޓައި އެ ކުއްޖާ ގަދަކަމުން ފުލުހުންގެ ކާރަކަށް އަރުވައިގެން އޭނާ ބަރަހަނާކޮށް އޭނާއާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.
ބ. ދަރަވަންދޫ އެއާޕޯޓުގައި ބިޔަރު ދަޅެއް ބޯން އިންކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.