ބްރެޒިލްގައި މިރޭ ފަށާ ވޯލްޑް ކަޕުގެ ފުރަތަމަ މެޗަށް ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނަ އިރު، އެންމެ ގިނަ ސުވާލުތަކެއް ކުރެވެނީ އެ ޓީމުގެ 10 ނަންބަރު ޖާޒީގައި ކުޅޭ ނޭމާއާ ބެހޭ ގޮތުންނެވެ. މީޑިއާއިން ނޭމާއާ އެއްވަރަށް، ބްރެޒިލްއާ ދެކޮޅަށް މިރޭ ކްރޮއޭޝިއާ ޓީމު ގޮވައިގެން ނުކުންނަ ލޫކާ މޮޑްރިޗް އަށް ވެސް ބަލައިލަން އެބަ ޖެހެ އެވެ. މި މުބާރާތަކީ މޮޑްރިޗްގެ މުހިންމުކަން ގައުމީ ޓީމަށް އަދި ރެއާލް މެޑްރިޑަށް ދައްކާލުމަށް އޭނާ އަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ނިކޯ ކޮވަޗްގެ ކްރޮއޭޝިއާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ ރެއާލް މެޑްރިޑަށް ކުޅެމުންދާ މިޑްފީލްޑަރު މޮޑްރިޗްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އޭނާ ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ ދިހަ ވަނަ ތަށި ކާމިޔާބު ކޮށްދިނުމަށް ވަރަށް އިސް ދައުރެއް އަދާކޮށްފައެވެ.

ރެއާލް މެޑްރިޑަށް ކުޅުނު އިރު، މޮޑްރިޑްގެ ނަން ފަލަ ސުރުހީތަކަށް އަރުވާލެވިފައި ވަނީ އެ ކްލަބުގައި ގިނަ ތަރިންތަކެއް ތިބުމުގެ ސަބަބުންނެވެ. ކްރޮއޭޝިއާގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ބްރެޒިލް ޓީމުން އެންމެ އިސްކަމެއް ދޭނެ ކުޅުން ތެރިއަކީ ވެސް މޮޑްރިޗް އެވެ.

މި މެޗަށް ނުކުންނަ އިރު، މޮޑްރިޗްގެ ބޭނުމަކަށް ވާނީ އޭނާ އަކީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ވޭލްސް ތަރި ގެރެތު ބޭލްއާ އެކު އެ ކްލަބަށް މުހިންމު ކުޅުންތެރިއެއްކަން އަންގައި ދިނުމެވެ. އެއާއެކު، ގައުމީ ޓީމުގައި އޭނާ ވަރުގެ ކުޅުންތެރިއެއް ނެތްކަން އަންގައި ދިނުމުގެ ފުރުސަތު ވެސް މޮޑްރިޗަށް އެބަ އޮތެވެ.

މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް މޮޑްރިޗް ދެއްކި ކުޅުމަކީ ދަށް ކުޅުމެކޭ ބުނާނެ އެކަކު ވެސް ނެތެވެ. އެ ކްލަބުގެ އެންމެ އިސް ދައުރެއް އަދާކުރި މޮޑްރިޗްގެ ހުނަރުތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ، އޭނާގެ ޕާސް ކުރުމުގައި ދެވަނައެއް ނެތް ކުޅުންތެރިއެއްގެ ގޮތުގައެވެ. ވޯލްޑް ކަޕުގައި ކްރޮއޭޝިއާ ޓީމާއެކު މޮޑްރިޗްއަށް އޭނާގެ މޮޅު ހުނަރުތައް ދައްކާލެވިއްޖެ ނަމަ، މުބާރާތުގައި އެންމެ އަލިގަދަ ތަރިންގެ ތެރޭގައި އޭނާ ހިމެނިދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

މޮޑްރިޗާ ބެހޭގޮތުން ކްރޮއޭޝިއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްލެވެން ބިލިޗް ބުނީ، މޮޑްރިޗާ މެދު އިދިކޮޅު ޓީމުތަކުން އިސްކަމެއް ނުދީ ކުޅުމަކީ ގޯސް ވިސްނުމަކަށް ވެގެންދާނެ ކަމަށެވެ.

"އޭނާ އަކީ ރެއާލް މެޑްރިޑްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނުވެދާނެ. އަހަރެމެން އެންމެންނަށް އެނގޭ އެއީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތު ބޭލް ކަން. އެކަމަކު މި އަހަރު އެ ކްލަބުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަކީ މޮޑްރިޗް،" އޭނާ ބުންޏެވެ. "މިހާރު މޮޑްރިޗް ދައްކަމުން އެ ދަނީ މީގެ ދުވަސްތަކެއް ކުރިން ބާސެލޯނާ އަށް ޒަވީ އާއި އިނިއެސްޓާ ދެއްކި ކުޅުން ނުވަތަ އިޓަލީ އަށް އަންދްރޭ ޕިރްލޯ ދެއްކި ކުޅުން."

ގްރޫޕް އޭގައި މެކްސިކޯއާއި ކެމަރޫނާ ދެކޮޅަށް ނުކުތުމުގެ ކުރިން ބްރެޒިލްއާ ދެކޮޅަށް ކްރޮއޭޝިއާ މިރޭ ކުޅޭ މެޗުން ބަލިވާނެ ކަމުގައި ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނަމުންދާ އިރު، އެ ޓީމުގެ ތަރިންގެ ފެންވަރަށް ބަލައިލާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

މޮޑްރިޗްއާ އެކު ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރުމަށް މެދުތެރޭގައި ހަރަކާތްތެރިވާނެ އަނެއް ކުޅުންތެރިޔަކީ ސެވިއްޔާއަށް ކުޅެމުންދާ އިވާން ރަކިޓިޗް އެވެ. މި ދެ ކުޅުންތެރިންގެ ނުރައްކާތެރިކަން ޔޫރޯ 2012ގައި އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިޓަލީ އަދި ސްޕެއިންއަށް ވެސް ދައްކުވައިދީފައި ވެއެވެ. މޮޑްރިޗް އަދި ރަކިޓިޗްގެ އެހީތެރިކަމާއެކު ފޯވަޑް ލައިނުން ބްރެޒިލްގެ ގޯލަށް ހަމަލާ އުފައްދާނީ ބަޔާން މިއުނިކަށް ކުޅެމުންދާ މާރިއޯ މަންޒޫކިޗް އެވެ. ކްރޮއޭޝިއާ ފޯވަޑް މަންޒޫކިޗް އަކީ މިހާރު ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވަޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ބްރެޒިލް ޓީމަކީ އެޓޭކަށް އިސްކަންދީގެން ކުޅޭ ޓީމަކަށް ވާއިރު، މޮޑްރިޗްއާއެކު ކްރޮއޭޝިއާގެ އެޓޭކަށް ވެސް ބްރެޒިލުން ވިސްނަންޖެހޭނެ އެވެ. އެހެން ނޫންނަމަ، އަމިއްލަ ގައުމުގައި ކުޅޭ މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިވެ، ފުޓްބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ބެލެވޭ ބްރެޒިލްއަށް ބޮޑު ލަދުވެތި ކަމަކާ ކުރިމަތިލާން ޖެހުމަކީ ދުރުކަމެއް ނޫނެވެ.