އިސްލާމްއާބާދު: ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގެ ގަވަރނަރ ސުލައިމާން ތަސްޔީރު އަވަހާރަކޮށްލައިފިއެވެ. ތަސްޔީރު އަވަހާރަކޮށްލީ އިސްލާމް އާބާދުގައި ހުންނަ އޭނާގެ ގެއާގާތުގައިވާ ކޮޝާރު މާރުކޭޓުގެ ކައިރިއަށް ކާރު މަޑުކުރެއްވުމަށްފަހު ކާރުން ފާބައިވަޑައިގެން ބޮޑީ ގާޑުންނާއެކު ހިންގަވަމުން ވަޑައިގަންނަވަނިކޮށް ބޮޑީ ގާޑުންގެ ތެރޭގައި ހިމެނޭ މީހަކު ކުއްލިއަކަށް ފިސްތޯލައިން ދިން ޙަމަލާއެއްގައެވެ. ކޮޝާރު މާރުކޭޓަކީ ޕާކިސްތާނުގެ މުއްސަނދިންނާއި ބޭރު މީހުން ވިޔަފާރިކުރާ މަތީފެންވަރުގެ މާރުކޭޓެކެވެ. ޕާކިސްތާނުގައި ވެރިކަންކުރާ ޕީޕަލްސް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ތަސްޔީރަކީ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށްގޮވާލާ ޤާނޫނަށް ބަދަލުގެނައުމަށް ފާޅުގައި ގޮވާލައްވާ ބޭފުޅެކެވެ. މިކަމުގެ ސަބަބުން ތަސްޔީރުގެ މަޤްބޫލުކަން އޭނާއަށް ތާއީދުކުރާ މީހުންގެ މެދުގައިވެސްވަނީ ދަށަށްގޮސްފައެވެ. ތަސްޔީރު އަވަހާރަކޮށްލީ މި ޤާނޫނަށް ބަދަލުގެނައުމަށް ފާޅުގައި އޭނާ ގޮވާލައްވަމުން ގެންދަވާތީ ކަމަށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަޙްމާން މާލިކް ވިދާޅުވިއެވެ. ތަސްޔީރު އަވަހާރަވީ އޭނާގެ ބޮޑީ ގާޑް ދިން ޙަމަލާއަށްފަހު ކައިރީގައިވާ ހޮސްޕިޓަލަކަށް އޭނާ ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ.