12 Jun 2014, 16:45
އެކްސް އެލް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ފުރަތަމަ މެޗް ވެސްޓް ސްޕޯޓްސް ކްލަބާ ވާދަކޮށް 155 ލަނޑުން އޮފްއެފްސީ ޓީމުން ކާމިޔާބު ކޮށްފި އެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ޓޮސް ދިމާވުމުން ވެސްޓް ގަސްދުކުރީ ހޮވުމަށެވެ. އޮފް އެފްސީ ކުޅެން އަރައި 40 އޯވަރުގެ ތެރޭގަައި ތިން ކުޅުންތެރިން ނުބައިވެގެން 274 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ ޓީމްގެ ކެޕްޓަން އާދަމް ނާސިފު އެވެ. ނާސިފު ނުބައިނުވެ 27 ބޯޅައިން 61 ލަނޑުހެދި އެވެ. މީގެ އިތުރުން އަޒިޔާން ޔޫސުފް 52 ލަނޑު، ތުސާރު 54 ލަނޑުއަދި ސަދުހާން 22 ލަނޑުހެދި އެވެ.
ވެސްޓް ސްޕޯޓްސް ކްލަބުން ހަމައެކަނި ވިކެޓްނެގީ އަލީ ޒާހިރު އެވެ. ޖަވާބުގައި ވެސްޓް ކުޅެން އަރައި 30 އޯވަރުތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 119 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 25 ލަނޑުހެދި މުހަންމަދު ފައިސަލްއާއި 19 ލަނޑުހެދި އަހްމަދު ނިސާމް އެވެ. އޮފްއެފްސީއިން ތުސާރު 13 ލަނޑަށް ތިންވިކެޓް، އާދަމް ނާސިފް 12 ލަނޑަށް ތިން ންވިކެޓް އަދި އިމާން 19 ލަނޑަށް ދެވިކެޓްނެގި އެވެ.
މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ޖޫން މާލޭ ސްޕޯޓްސް ކުލަބާއި ސީބީއެލް ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުއެނީ އެއްނަންބަރު ކްރިކެޓް ދަނޑުގައެވެ.