ގއ. ނިލަންދޫގައި ވޯލްޑްކަޕް ބެލޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ޖިހާދު މުހައްމަދު ވިދާޅުވީ، އެރަށުގައި ކޭބަލްޓީވީގެ ޚިދުމަތްދެނީ ރަޖިސްޓްރީނުކޮށް ކަމަށްވާތީ އެ ފަރާތަށް ވޯލްޑްކަޕް ރައިޓްސް ނުލިބުނު ކަމަށެވެ.

އޭނާ ވިދާޅުވީ، އެރަށަށް ވޯލްޑްކަޕް ފެންނާނީ އެމްބީސީން ދޫކުރާ ޑީކޯޑަރެއް މެދުވެރިކޮށް ކަމަށާއި ނަމަވެސް ކައުންސިލް އިދާރާއިން އެދުމުން ވެސް އެމްބީސީން ޑީކޯޑަރެއް ދޫކޮށްފައި ނުވާ ކަމަށެވެ.

އެ އަތޮޅު ވިލިނގިއްޔަށް ދޫކޮށްފައިވާ ރޭންޖުން އެރަށަށް ވޯލްޑްކަޕް ފެންނާނެ ކަމަށާއި އެހެންކަމުން ޑީކޯޑަރެއް ދޫކުރެވެން ނެތް ކަމަށް އެމްބީސީން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލް އިދާރާއިން ޑީކޯޑަރެއް ހޯދުމަށް އެމްބީސީއަށް ސިޓީއެއް ފޮނުވީމަ އެބޭފުޅުން ގުޅާފަ ދެންނެވީ ބަލައި އަންނާށޭ. ދެން އަޅުގަނޑުމެން މީހަކު ފޮނުވީމަ ވިދާޅުވީ ވިލިނގިއްޔަށް ދޫކޮށްފައި ހުރި ރޭންޖުން މިރަށަށް ސިގުނަލް ލިބޭނެޔޭ. އެހެންވީމަ ޑީކޯޑަރު ދޫކުރެވެން ނެތޭ،" ޖިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްބީސީން އެގޮތަށް ބުނިނަމަވެސް ވިލިނގިއްޔަށް ދޫކޮށްފައިވާ ރޭންޖުން އެރަށަށް ސިގްނަލް ނުލިބޭ ކަމަށެވެ. އަދި ވިލިނގިލީގެ ބައެއް ސަރަހައްދުތަކަށް ސިގުނަލް ނުލިބޭ ކަމަށް އެރަށުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިލަންދޫއަށް ޓީވީއެމްގެ ސިގްނަލް ނުލިބޭކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން، އެމްބީސީގެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓު ޑިރެކްޓަރު ޙުސެއިން ޝުހާދު ވިދާޅުވީ، އެ މައްސަލަ މިހާރު ހައްލު ކުރެވިފައި ވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ، އެފަރާތުން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތައް ހުށަހެޅުމުން ނިލަންދޫއަށް ޑީކޯޑަރެއް ދޫކޮށްފައި. އަދި މިހާރު އެ މައްސަލަ ވަނީ އެއްކޮށް ހައްލު ކުރެވިފައި،" ޝުހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްބީސީން އަބަދު ވެސް މަސައްކަތް ކުރަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގައުމީ ޓީވީގެ ހިދުމަތް ވީހާވެސް ފުޅާކޮށް ފޯރުކޮށްދޭން ކަމަށާއި އަދި ރާއްޖޭގެ އެއްވެސް ހިސާބަކަށް ވޯލްޑް ކަޕް ނުފެނުން އެއީ، އެމްބީސީން އެދޭނެ ގޮތެއް ނޫންކަމަށެވެ.

"އަޅުގަނޑުމެންނަށް ރަނގަޅުވާނީ، ވީހާވެސް ގިނަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ފެންނާނެ ގޮތެއް ހެދުން. އަޅުގަނޑުމެންނަށް ވޯލްޑް ކަޕް މެޗުތަށް ހުރިހާ ހިސާބަކަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުން ދާއިރު މިހާރުވެސް ބައެއް ދަތިތައް އެބަ ހުރި،" ޝުހާދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ޑިކޯޑަރު މި ދޫކުރަނީ، ސިގްނަލް ލިބޭ ތަންނަތާއި ނުލިބޭ ތަންނަށް ވަރަށް ރަނގަޅަށް ބެލުމަށް ފަހު."