12 Jun 2014, 16:16
އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި ހަތަރު ފުލުހުން ވެގެން މީހަކު ރޭޕް ކުރި ކަމަށް އެ ރޭޕްގައި ޝިކާރައަކަށްވި އަންހެން މީހާ ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އެ އަންހެން މީހާ ޕޮލިސް ސްޓޭޝަނަށް ދިޔައީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އޭނާގެ ފިރިމީހާގެ މައުލޫމާތު ހޯދުމަށް ކަމަށް އެ އަންހެން މީހާ ބުނެ އެވެ.
"އަހަރެން 11:30ގައި ޕޮލިސް ސްޓޭޝަނަށް ދިޔަ އިރު، އެތަނުގައި އެއްވެސް މީހަކު ނޫޅޭ. އެވަގުތު ސަބް އިންޕެކްޓަރު އައިސް، އަހަރެން އޭނާގެ ކޮޓަރިއަށް ގެންގޮސް އަހަރެން ރޭޕްކުރި،" ރޭޕްކުރި ފުލުހުންގެ ސީނިއާ އޮފިސަރާއި އިތުރު ތިން ފުލުހެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު ސީއެންއެން-އައިބީއެން އަށް މައުލޫމާތު ދެމުން ބުންޏެވެ.
ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ ބުނީ، އޭނާ ރޭފްކޮށްފައި ވަނީ އޭނާގެ ފިރިމީހާ ދޫކޮށްލާނީ ރިޝްވަތު ދިނުމުން ކަމަށް ސީނިއާ ފުލުސް މީހާ ބުނުމުން އެކަމަށް އިންކާރުކުރުމުން ކަމަށެވެ.
މިކަމާ ގުޅިގެން ހަމިރްޕޫރުގެ ފުލުހުންގެ އޮފިޝަލަކު ބުނީ، ފުލުހުންނަށް އަންހެން މީހާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅުން ހުރި އެންމެން ހައްޔަރުކޮށް، ވަރަށް އަވަހަށް އެ މައްސަލަ ބަލަމުންދާނެ ކަމަށެވެ.