12 Jun 2014, 16:16
ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، މި ސީޒަނަށް ވަރުގަދަ ކުރުމަށްޓަކައި އެ ކްލަބަށް ބިދޭސީ ތިން ކުޅުންތެރިއަކު ގެނެސްފި އެވެ.
އޮސްޓްރޭލިއާގެ ޑޭން މިލޮވަނޮވިޗާއި މޮރޮކޯ/ޑަޗްގެ ޖަމާލް ޑިބީ އަދި ސްޕެއިންގެ ޑޭވިޑް ކާމޯނާ އެސްކޮބޭޑޯ މިހާރު އެ ކްލަބަށް ސޮއި ކޮށްފައިވާކަން ނިއުއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
މި ތިން ކުޅުންތެރިންގެ ތެރެއިން ލީގުގައި އަންނަ ހޯމަ ދުވަހު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އާ ދެކޮޅަށް ކުޅޭ މެޗުގައި ޑިބީ ފިޔަވައި ދެން ތިބި ދެ ކުޅުންތެރިން ބައިވެރިވާނެ އެވެ. ޑިބީ އެ ކްލަބާ ގުޅޭނީ ލީގުގައި އޭވައިއެލްއާ ދެކޮޅަށް ނިއު ކުޅޭ މެޗު އޮންނަ ދުވަހު ކަމަށާއި މި މަހު 23 ވަނަ ދުވަހު ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ބައިވެރިވާނެ ކަމަށް ނިއުއިން ބުންޏެވެ.
ނިއު އަށް ސޮއިކުރި އުމުރުން 24 އަހަރުގެ ޑޭން އަކީ އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށާއި، 20 އަހަރުން ދަށުގެ ގައުމީ ޓީމު އަދި 23 އަހަރުންގެ ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ އަށް 23 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ބައިވެރި ވެވިފައި ނުވަނީ ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ކްލަބު ކެރިޔަރުގައި ޑޭން ވަނީ އެޑެލެއިޑް ޔުނައިޓެޑާއި ބިރްސްބޭން ރޯރްގެ ޒުވާން ޓީމަށް ކުޅެފައެވެ. އޭގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރު ވަނީ އިންޑޮނޭޝިއާ އަދި ހޮންގް ކޮންގްގެ ކްލަބުތަކަށް ވެސް ކުޅެފައެވެ.
ނިއުއަށް ގެނައި އުމުރުން 34 އަހަރުގެ ޑިބީ އަކީ ޑަޗް ލީގުގެ ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ޑަޗް ލީގުގެ ވަރުގަދަ ކްލަބެއް ކަމަށްވާ އޭޒެޑް އަލްކްމާރަށް ތިން ސީޒަނެއްގައި ކުޅެ 19 ގޯލް ކާމިޔާބު ކޮށްދީފައެވެ. މޮރޮކޯގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް އޭނާ ކުޅެފައި ވެއެވެ.
ނިއުއާ ގުޅުނު އުމުރުން 29 އަހަރުގެ ޑޭވިޑް ކާމޯނާ އެސްކޮބޭޑޯ އަކީ ސްޕެއިންގެ ދެވަނަ އަދި ތިންވަނަ ޑިވިޝަނަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ފޯވަޑަށް ކުޅެމުންދާ މި ކުޅުންތެރިޔާ އަކީ ވިންގަށް ކުޅުމުގެ ގާބިލްކަން ވެސް ހުރި ކުޅުންތެރިއެކެވެ.
ދިވެހި ލީގުގެ ފުރަތަމަ މެޗުގައި އޭވައިއެލްއާ ދެކޮޅަށް ނިއު ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައެވެ. މި މެޗު ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.