މެޑްރިޑް (ޖޫން 12) : ސްޕޭންގެ ރަސްގެފާނު ޚުވާން ކާލޮސް، އޭނާގެ ރަސްކަމުގެ ބާރުތައް ދަރިކަލުން ފިލިޕޭ އާ ހަވާލުކުރައްވައި ރަސްކަމުން ދުރުވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް އެގައުމުގެ ޕާލަމެންޓްގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ތާއީދުކޮށްފި އެވެ.

ސްޕޭންގެ ރަސްގެފާނުގެ މިނިންމެވުމާ ބެހޭ ގޮތުން އެގައުމުގެ ޕާލަމެންޓްގައި މަޝްވަރާ ކުރުމަށް ފަހު އެކަމަށް ތާއީދުކޮށް ފާސްކޮށްފައިވާ ގަރާރަށް 299 މެންބަރުން ތާއީދުކޮށްފައިވާ އިރު އެކަމާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ 19 މެންބަރުންނެވެ. މީގެ އިތުރުން 23 މެންބަރަކު ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ. މިގަރާރު ގާނޫނަކަށް ވެގެންދާނީ ސްޕޭންގެ ސެނެޓުން މިގަރާރު ތަސްދީގުކުރުމުންނެވެ. އުމުރުފުޅުން 76 އަހަރުގެ ސްޕޭންގެ ރަސްގެފާނު، ޚުވާން ކާލޮސް، އެގައުމުގައި ރަސްކަން ކުރައްވަމުން ގެންދަވަނީ 1975 ން ފެށިގެންނެވެ. އެއީ ސްޕޭންގައި ޢަސްކަރީ ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި މަޝްހޫރު ޢަސްކަރީ ވެރިޔާ، ޖެނެރަލް ފްރަންސިސްކޯ ފްރަންކޯ1975 ވަނަ އަހަރު އަވަހާރަވުމަށްފަހު އެވެ.

ސްޕޭންގެ ވެރިކަމުގެ ތަންފީޒީ ބާރުތައް އޮންނަނީ ބަރުލަމާނީ އުސޫލުން ބޮޑުވަޒީރާއި އޭނާގެ ކެބިނެޓްގެ އަތްމަތީގަ އެވެ. ސްޕޭންގެ ރަސްގެފާނުގެ ވެރިކަމުގެ ބާރުތައް ވަރަށް ބޮޑަށް ކުޑަކޮށްލެވިފައިވާއިރު ރަސްގެފާނަކީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައސިއްޔަތުން ހަމައެކަނި ޝަރަފުވެރި މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ. ރަސްކަމުގެ ބާރުތައް ދަރިކަލުން ފިލިޕޭ އާ ހަވާލުކުރެއްވުމަށް ޚުވާން ކާލޮސް ނިންމެވީ އާލާސްކަންފުޅުގެ ސަބަބުންނާއި ޒުވާން ޖީލަކާ ރަސްކަން ހަވާލުކުރުމުގެ ގޮތުން ކަމަށްވެއެވެ.

ސްޕޭންގެ ޝާހީ އާއިލާގެ ބައެއް މެންބަރުންގެ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން ރަސްގެފާނާއި އެއާއިލާގެ މަގްބޫލުކަން އެގައުމުގެ ރައްޔިތުންގެ މެދުގައި ދަށްވެފައިވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ. ސްޕޭންގެ ދައުލަތުން ޝާހީ އާއިލާއަށް ކުރާ ބޮޑު ޚަރަދުތަކަކީ ބޭކާރު ޚަރަދުތަކެއް ކަމަށާ ރަސްކަމުގެ ނިޒާމަކީ ޑިމޮކްރެޓިކް ހަމަތަކަށް ނުފެތޭ ބޯދާ ނިޒާމެއް ކަމުން ރަސްކަމާއި ޑިމޮކްރަސީ މަސްހުނިކޮށްލާފައިވާ ސްޕޭންގެ ވެރިކަމުގެ ނިޒާމު ހަމައެކަނި ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުކުރަން ބޭނުންވާކަމަށް ފާޅުގައި ބުނަންކެރޭމީހުން އެގައުމުގައި ދަނީ ގިނަވަމުންނެވެ. ދާދިފަހުންވަނީ ސްޕޭންގެ ރަސްކަން އުވާލައި އެގައުމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ގޮވާލައި އެތަށް ހާސްބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާތައްވެސް ކޮށްފައެވެ. (ރޮއިޓާސް)