ކަރާޗީ (ޖޫން 12) : މީހުން މެރުމާއި ދައުލަތަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ޝަރީއަތް ހިންގަމުން ގެންދާ ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ރިޓަޔަޑް ޕަރުވޭޒް މުޝައްރަފް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުގެ އަމުރެއް ކަރާޗީގެ ކޯޓަކުން ނެރެފި އެވެ.

އުމުރުން 70 އަހަރުގެ މުޝައްރަފްގެ ގާނޫނީ ވަކީލު ފާރޫގް ނަސީމް ވިދާޅުވީ ޕާކިސްތާނުން ބޭރަށް ފުރުން މަނާ މީހުންގެ ލިސްޓުން މުޝައްރަފްގެނަން އުނިކުރުމުގެ އަމުރެއް ކަރާޗީގެ ކޯޓަކުން މިއަދު ނެރެފައިވާ ކަމަށާ ޕާކިސްތާން ސަރުކާރުން މިއަމުރު 15 ދުވަހުގެ ތެރޭގައި ތަންފީޒުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެއަމުރު ބުނާކަމުގަ އެވެ. ކަރާޗީގެ ކޯޓުން މި އަމަރު ނެރެފައި ވަނީ ދުބާއިގާ ދިރިއުޅުއްވާ މުޝައްރަފްގެ މަންމަ އަލާސްކަންފުޅާ އުޅުއްވާތީ މަންމަގެ ކައިރިއަށް ދިޔުމުގެ ފުރްސަތު ހޯދުމަށް މުޝައްރަފްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ކަމަށް ވެސް ފާރޫގް ނަސީމް ވިދާޅުވި އެވެ.

ނަމަވެސް މިގަރާރު އިސްތިއުނާފް ކުރުމުގެ އިޚްތިޔާރު ޕާކިސްތާން ސަރުކާރަށް ލިބިގެންވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަލާސްކަންފުޅާ އުޅުއްވާ މަންމަގެ ކައިރިއަށް ދިޔުމުގެ ފުރްސަތު ހޯދުމަށް މުޝައްރަފް ކޯޓަށް ހުށަހެޅުއްވީ އޭނާއާ ދެކޮޅަށް ޕާކިސްތާނުގެ ދައުލަތުން ކުރަމުންގެންދާ މީހުން މެރުމާއި ދައުލަތަށް ޚިޔާނާތްތެރިވިކަމުގެ ދައުވާތަކުން ރެކިވަޑައިގަތުމަށްޓަކައި ގައުމުން ބޭރަށް ވަޑައިގަތުމުގެ ބޭނުމުގަ އެވެ. މިފަދަ ފުރްސަތެއް ލިބިގެން ގައުމުން ބޭރަށް މުޝައްރަފް ފުރަވަޑައިގެންފި ނަމަ ދެން އޭނާ އަލުން އެނބުރި ޕާކިސްތާނަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.

މުޝައްރަފްގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައި ވަނީ 2007 ވަނަ އަހަރު އޭނާގެ ވެރިކަމުގައި ޕާކިސްތާނުގެ ގާނޫނު އަސާސީއާ މުޅިން ޚިލާފަށް މާޝައްލޯ ނުވަތަ ސިފައިންގެ ޢަސްކަރީ ގާނޫނު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ. ސިފައިންގެ ބާރާއި ނުފޫޒު ގަދަ ޕާކިސްތާނުގައި މުޝައްރަފްފަދަ ސިފައިންގެ އެންމެ އިސްމަގާމްތައް އަދާކުރައްވާފައިވާ ޖެނެރަލަކާ ދެކޮޅަށް މިފަދަ ދައުވާތަކެއް ކުރަމުން ގެންދިޔުމަކީ ޕާކިސްތާނުގެ މަދަނީ ސަރުކާރަށާއި އެގައުމުގެ ޑިމޮކްރަސީއަށް ކުރިމަތިވާ ވަރުގަދަ އިމްތިޙާނެއް ކަމަށް މުރާސިލުން ބުނެ އެވެ. މިދައުވާތައް މުޝައްރަފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އަންނާނެ ކަމަށްވަނީ ބެލެވިފަ އެވެ. (ރޮއިޓާސް)