05 Jan 2011, 04:18
އިސްލާމްއާބާދުް: ޕާކިސްތާނުގެ ސަރުކާރު ވައްޓާލުމުގެ މަޤްސަދްގައި އެސަރުކާރުގެ މައްޗަށް ބަރުލަމާނުގައި އިތުބާރުގެ ވޯޓެއް ނަގަން އަދި ގަސްދު ނުކުރާކަމަށް އެޤައުމުގެ އެންމެ ބޮޑު އިދިކޮޅު ދެޕާޓީން ބުނެފިއެވެ. ކުރީގެ ބޮޑުވަޒީރު އަދި މިހަރުގެ އެންމެބޮޑު އިދިކޮޅު ލީޑަރ ނަވާޒް ޝަރީފްގެ މުސްލިމް ލީގް ޕާޓީން ބުނިގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ސަރުކާރު މިހާރު ވައްޓާލުމުން އިދިކޮޅު ފަރާތްތަކަށްވެސް އަދި ޕާކިސްތާނުގެ ރައްޔިތުންނަށްވެސް ގެއްލުމެއްނޫނީ ނުލިބޭނެއެވެ. މުސްލިމް ލީގް ޕާޓީގެ ޤާއިދޭ އަޢްޒަމްގެ ފެކްޝަނުންވެސްވަނީ ހަމަ މިމޭރުމުން ވާހަކަ ދައްކާފައެވެ.
ޕާކިސްތާނުގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޔުނައިޓެޑް ނެޝަނަލް މޫމެންޓް (މުއްތަޙިދާ ޕާޓީ) މިދިޔަ ހަފްތާގައި ސަރުކާރުން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅުމުން ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ސަރުކާރު ދެމިއޮތުމާމެދުވަނީ ސުވާލު އުފެދިފައެވެ. މުއްތަޙިދާ ޕާޓީ، ސަރުކާރުން ވަކިވުމުން ގީލާނީގެ ސަރުކާރު ދެމިއޮތުމަށް ބޭނުންވާ ބަރުލަމާނުގެ އަޣްލަބިއްޔަތު ވަނީ ގެއްލިފައެވެ. މިޙާލަތުގައި އިތުބާރުގެ ވޯޓެއް ނަގައިފިނަމަ ގީލާނީގެ ސަރުކާރު ވެއްޓޭނެ ކަންވަނީ ކަށަވަރުވެފައެވެ.
ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ ބަރުލަމާނުގެ ތާއީދު ހޯދުމަށްޓަކައި ގީލާނީ މިދިޔަ ހޯމަދުވަހުވަނީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފައެވެ. މުއްތަޙިދާ ޕާޓީ، ގީލާނީގެ ކޯލިޝަނުން ވަކިވީ އެޕާޓީއަށް ނިސްބަތްވާ ދެވަޒީރަކު ގީލާނީގެ ސަރުކާރުގެ ކެބިނެޓުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކޯލިޝަނުން ވަކިވުމާބެހޭ ގޮތުން މުއްތަޙިދާ ޕާޓީގެ މަސްއޫލުވެރިއެއް ކަމަށްވާ ފައިސަލް ސައިޒްވަރީ ވިދާޅުވީ މިކަންކުރަންޖެހުނީ އެޕާޓީން އެދުނު އެއްވެސް ކަމަކަށް ގީލާނީގެ ސަރުކާރުން އަޅާނުލުމުންނެވެ. މުއްދަޙިދާ ޕާޓީއަކީ ކުޑަޕާޓީއެއް ނަމަވެސް އެއީ ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަމަށްވާ ކަރާޗީގައި އެންމެ ނުފޫޒުގަދަ ޕާޓީއެވެ. މިޕާޓީއަށް ޕާކިސްތާނުގެ ބަރުލަމާނުގައި ހިމެނޭ 342 ގޮނޑިން 25 ގޮނޑި ލިބިފައިވެއެވެ. ގީލާނީގެ ކޯލިޝަން ސަރުކާރު އުފެދިފައިވަނީ މުއްތަޙިދާ ޕާޓީއާއެކު ބަރުލަމާނުގައި 181 ގޮނޑި ހޯދައިގެންނެވެ. މި ޕާޓީ ވަކިވުމުން ގީލާނީގެ ސަރުކާރަށް މިހާރު ލިބިފައިވަނީ ބަރުލަމާނުގެ 342 ގޮނޑީގެ ތެރެއިން އެންމެ 156 ގޮނޑިއެވެ. މިއީ ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ އަޣްލަބިއްޔަތު ކަމަށްވާ 172 ގޮނޑިއަށްވުރެ 16 ގޮނޑި މަދު ޢަދަދެކެވެ. ގީލާނީގެ ކޯލިޝަންގައި ހިމެނޭ އެންމެ ކުޑަ ޕާޓީ ކަމަށްވާ ޢުލަމާއުލް އިސްލާމް ޕާޓީ ވަނީ މިދިޔަ ޑިސެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި ކޯލިޝަނުން ވަކިވެފައެވެ.
ޕާކިސްތާނުގެ ސަރުކާރު ވެއްޓުމަކީ އެމެރިކާ ކަންބޮޑުވާނެ ކަމެކެވެ. ނަމަވެސް މިއީ ޕާކިސްތާނުގެ ދާޚިލީ ކަމެއްކަމަށް ބުނެ މިކަމުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް އެމެރިކާ ބުނެއެވެ. ބޮޑުވަޒީރު ގީލާނީ ކުރިން ވިދާޅުވެފައިވަނީ ސަރުކާރު ވެއްޓުމުގެ ބިރު އަދިނެތް ކަމަށާއި ނަމަވެސް ކޯލިޝަންގައި ބައިވެރިވާނެ އިތުރު ޕާޓީއެއް ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައެވެ. ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ އޭނާގެ ފުރިހަމަ ތާއީދު ގީލާނީގެ ސަރުކާރަށް އޮތްކަން ހާމަކުރައްވާފައެވެ. ގީލާނީގެ ކޯލިޝަން ސަރުކާރަކީ ޒަރުދާރީގެ ޕީޕަލްސް ޕާޓީން އުފައްދާފައިވާ ސަރުކާރެކެވެ.