ލިސްޓެޑް އިވެންޓްސްގެ ގޮތުގައި ކަނޑައަޅާ އިވެންޓުތައް ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ގެނެސްދިނުމަށް ދަތިތަކެއް ހުރި ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެޑްވައިޒަރީ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.

އެމްބީސީ އިން އިއްޔެ ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ލިސްޓެޑް އިވެންޓްތައް ގެނެސްދިނުމަށް ގާނޫނީ ގޮތުން ދަތިތަކެއް ހުރި ކަމަށާއި ވޯލްޑް ކަޕް ދެއްކުމަށް ކުރި މަސައްކަތުގައި އެކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ލިސްޓެޑް އިވެންޓްސް ގެނެސްދިނުމުގައި ހުރި ދަތިތައް ފާހަގަކޮށްފަ އެވެ. އެގޮތުން ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވާއިދާ ރީ ބްރޯޑްކާސް ކުރުމާ ބެހޭ ގަވާއިދުގެ މާއްދާތައް ތަފާތު ގޮތް ގޮތަށް މާނަ ކުރެވުމުގެ ސަބަބުން ގަވާއިދުތަކުގެ މަގުސަދު ގެއްލޭ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެ ސިޓީގައި ފާހަގަ ކޮށްފައި ވަނީ ލިސްޓެޑް އިވެންޓެއްގެ ރައިޓްސް ހޯދާ ފަރާތަކުން ޕަބްލިކް ބްރޯޑްކާސްޓަރާ ހިލޭ އެ އިވެންޓެއް ހިއްސާ ކުރަންވާނެ ކަމަށް ގަވާއިދުގައި ބުނެފައި އޮތް ނަމަވެސް އެކަން ތަންފީޒު ކުރެވޭ ގޮތެއް ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ދިމާވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ ޝައުގު ހުރި ލިސްޓެޑް އިވެންޓެއް ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނެކަން ވަގުތު އޮއްވައި ޔަގީންކަން ނުދެވޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެފަދަ އިވެންޓެއް ގެނެސްދިނުމަށް ކޮންޓެންޓުގެ ގޮތުންނާއި ޓެކްނިކަލް ގޮތުން ތައްޔާރުވުމަށް ވެސް ދަތިތަކެއް ދިމާވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"ވީމާ ލިސްޓެޑް އިވެންޓްސް ޕަބްލިކް ބްރޯޑްކާސްޓަރަށް ހިލޭ ލިބިދިނުމުގެ މައްސަލައިގައި ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމެޓީގެ ލަފާފުޅެއް ހޯއްދެވުމަށް މަތީގައި ދެންނެވި ކަންކަން އެ ކޮމެޓީގައި އެޖެންޑާކޮށްދެއްވައި މިހާރަށް ވުރެ ރަނގަޅަށް މިކަން ކުރިއަށްދާނެ މަގެއް ހޯއްދަވައިދެއްވުމަށް އެދި ދެންނެވީމެވެ." އެ ސިޓީގައިވެ އެވެ.