12 Jun 2014, 15:21
އަތޮޅު މުބާރާތާއި ޒޯން ފުޓްބޯޅަ މުބާރާތަށް ބަދަލުތަކެއް ގެނެސް އަލުން އެ ދެ މުބާރާތް ފެށުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން އަތޮޅު ކައުންސިލްތަކާ މަޝްވަރާކުރުމަށް އެފްއޭއެމްއިން ބޭއްވި ސެމިނާ ނިންމާލައިފި އެވެ.
މިއަދު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ސެމިނާ ގައި ދެ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުންނާއި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވި އެވެ.
މިއަދުގެ ސެމިނާގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޖް (ޖަވާ) ވިދާޅުވީ، އަތޮޅު ތެރޭގައި މުބާރާތް ބޭއްވުމަށްޓަކައި އެފްއޭއެމްއިން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށާއި އަދި މި ދެ މުބާރާތް ވެސް ކާމިޔާބު ކަމާއެކު ބޭއްވޭނީ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރު ލުމާއެކު ކަމަށެވެ.
" މި ސެމިނާއަށް އަތޮޅު ކައުންސިލްތަކުން ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެނގިއްޖެ އަތޮޅުތަކުން ބޭނުންވަނީ ކޮން ކަންތައްތަކެއްކަން. މި ޚިޔާލުތަކާއި މަޝްވަރާއާއި އެއްގޮތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އަތޮޅު މުބާރާތާއި ޒޯން ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދަން". ޖަވާޒް ވިދާޅުވި އެވެ.
އެފްއޭއެމްގެ ޑިރެކްޓާ އޮފް އެޓޯލް ފުޓްބޯލް އަހުމަދު މުޖްތަބާ (ފެސްކޯ) ވަނީ މިއަދުގެ ސެމިނާގައި އަތޮޅު ފުޓްބޯޅަ މުބާރާތުގެ އާ ތަސައްވުރާ ބެހޭ ޕްރެޒެންޓޭޝަނެއް ދެއްވައިފައެވެ. އެ ޕްރެޒެންޓޭޝަނުގައި އަތޮޅު މުބާރާތަށް އަންނަ ބަދަލުތަކާއި އަތޮޅުތަކުގެ މަޝްވަރާ އާއި ލަފާ ބޭނުންވާ ބައިތަކުގެ މައްޗަށް ވެސް ފެސްކޯ އަލި އަޅުއްވައި ލެއްވިއެވެ.
"ޖުމްލަކޮށް މި ސެމިނާ ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާ އެކު. ވަރަށް މުހިއްމު މަޝްވަރާތަކެއް ލިބިއްޖެ. އަތޮޅު ކައުންސިލްތަކުގެ ޝައުގުވެރިކަން ވަރަށް ބޮޑު އަތޮޅު މުބާރާތް އަލުން ފަށަން. މި ސެމިނާގެ ސަބަބު މި އެޅުނު ބިންގަލުގެ މަތީގައި އަތޮޅު މުބާރާތް ތަރައްގީވެގެން ދާނީ" ފެސްކޯ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްތަކުގެ ބޭފުޅުން ފާޅުކުރެއްވި ހިޔާލުތަކުގެ ތެރޭގައި އަތޮޅު ތެރޭގައި ފުޓްބޯޅަ ކުޅޭނެ ވަސީލަތްތައް މަދުވުމާއި އަތޮޅު ތެރޭގައި ތިބި މޮޅު ކުޅުންތެރިންނަށް ފުރުސަތު މަދުކަން ފާހަގަކުރެއްވި އެވެ. އަދި އެފްއޭއެމުން މިފަދަ ސެމިނާ އެއް ބޭއްވުމަކީ ވަރަށް "ޕޮސިޓިވް" ނިޝާނެއް ކަމަށާއި އެހެންކަމުން އެފްއޭއެމަށް މި ސެމިނާ ބޭއްވީތީ އަތޮޅު ކައުންސިލްތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއަދުގެ ސެމިނާއިން ލިބުނު މައުލޫމާތުތައް އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީ އަދި ކޮމްޕެޓިޝަން ކޮމިޓީއާ ހިއްސާކޮށް އަތޮޅު މުބާރާތައް ބަދަލުތަކެއް ގެންނާނެ ކަމަށް އެފްއޭއެމްއިން ބުންޏެވެ.