ބްރޯޑްކާސްޓް ކުރަން ފެށުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ބްރާޑްކާސްޓް ކުރަން ފަށާފައި ނުވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އިން ދިވެހި ޓީވީ އަށް ދޫކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ބަތިލުކޮށްފި އެވެ.


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކޮމިޝަނުން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން 12 މަސް ހަމަވާ ތާރީހަކީ ހިދުމަތް ފެށުމަށް ކަނޑައަޅާ ތާރީހު ކަމަށާއި އޭގެ އިތުރަށް ހިނގާ 12 މަސް ދުވަހުގެ ފަހުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ ނަމަ ލައިސަންސް ބާތިލުވާނެކަން އެ ކޮމިޝަނުން މީގެ ކުރިން ވެސް އިއުލާނުކޮށް އަންގާފައި ވާނެ ކަމަށެވެ.


ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 30ވަނަ މާއްދާގެ (ނ) އަދި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14ވަނަ މާއްދާގެ (ށ)ގެ ތިނެއްގައި ބްރޯޑްކާސްޓްކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށައިފައި ނުވާ ނަމަ ލައިސަންސް ބާތިލުވާނެކަން ބަޔާންކޮށްފައިވެ އެވެ.


އެހެންކަމުން ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ދިވެހި ޓީވީން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ދިވެހި ޓީވީ އަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވެފައިވާ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.