ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ލުހާންސްކް ސިޓީގައި ދިރިއުޅެމުންދިޔަ ދިވެހިން މިއަދު ރާއްޖެ ގެނެސްފި އެވެ.

ލުހާންސްކް ސިޓީގައި ދިރިއުޅެމުންދިޔަ 13 ދިވެހިން، ދިވެހި ސަރުކާރުގެ ހަރަދުގައި މިއަދު ހެނދުނު ރާއްޖެ ގެނެސްފައިވާ އިރު، އެ މީހުން އެގައުމުގެ ވެރިރަށް ކިއޭވްއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖް އަބްދުﷲ ހަމީދު މިއަދު ވިދާޅުވީ، މިއަދު ރާއްޖެއައި 13 ކުދިންނަކީ ރާއްޖެ އާދެވޭނެ ގޮތެއް ނެތިގެން، ސަރުކާރުގައި އައުމަށް އެދުނު ކުދިން ކަމަށެވެ. އެކުދިން ގެނައުމުގައި އިންޑިއާގެ އެހީތެރިކަން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ރާއްޖެއައި ކުދިން ތިބި ސަރަހައްދުން އެ ކުދިން ނެރުމަށްޓަކައި ކުރި މަސައްކަތުގައި އިންޑިއާގެ އެހީ ވަރަށް ބޮޑަށް ލިބުނު. އެ ސަރަހައްދުގައި ދިރިއުޅުނު އިންޑިއާގެ މީހުންނާ އެހެން މީހުންވެސް ނެރުނު އިރު ދިވެހިންވެސް އެކަމުގައި ބައިވެރިކޮށްގެން ރޭލުގައި ކިއެވްއަށް ގެންދިޔައީ،" ހަމީދު ވިދާޅުވި އެވެ.

ޔުކްރޭންގައި ތިބި 13 ކުއްޖަކު މިއަދު ރާއްޖެ އައިސްފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު ޔުކްރޭންގައި ތިބި އަށް މީހަކު އަމިއްލަ ހަރަދުގައި ރާއްޖެ އައިސްފައިވެ އެވެ.

ހަމީދު ވިދާޅުވީ، ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ހަމަނުޖެހުންތައް ހިނގަމުންދާ އިރު އެގައުމުގެ ޑޮނެޓްސްކް ސިޓީގައި އަދިވެސް ދިވެހި އެއް ކުއްޖަކު އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ، އެކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެކުއްޖާ ވެސް މިއަދު އަމިއްލަ ހަރަދުގައި ރާއްޖެ އަންނާނެ ކަމަށެވެ.

ލުހާންސްކް ސިޓީގައި ދިރިއުޅެމުންދިޔަ ދިވެހިންގެ ތެރެއިން ލުހާންސްކް ސްޓޭޓް މެޑިކަލް ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ޑރ. ހަސަން އުމަރު ބުނީ، އެ ސަރަހައްދުގައި ތިބި ހުރިހާ އެންމެންވެސް ތިބީ ބިރުން، އެ ސަރަހައްދުން ނާދެވިފައި ކަމަށެވެ.

ހަސަން ބުނީ، ޔުކްރެއިންގައި ހަމަނުޖެހުން ފެށުންމުން ވެސް، ރާއްޖެ ނައިސް މަނޑުކުރީ ކިޔެވުން ދޫކޮށްލާފައި އަންނަން އެއްވެސް ކުއްޖަކު ބޭނުން ނުވާތީ ކަމަށެވެ. އަދި ރާއްޖެ އައީ ހަމަނުޖެހުން ގޯސްވެ، ޔުނިވާސިޓީ ބަންދު ކުރުމުން ކަމަށާއި ޔުނިވާސިޓީ ދެން ހުޅުވާނީ އަންނަ އޮގަސްޓް މަހުގެ 15 ގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ޔުކްރޭންގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ކެއިންބުއިމުގައި ދަތިތަކެއް ކުރިމަތި ނުވި ނަމަވެސް، ފޭރުމާއި ލޫޓުވުން ގިނަވެ، ބޭންކުން ލާރި ނުލިބުމުގެ ދަތިތަކެއް ކުރި މަތިވި ކަމަށް އެ ކުދިން ބުންޏެވެ. އަދި ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން އާއިލާތަކަށް ގުޅަމުންދިޔައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށާއި ނަމަވެސް ދޭތެރެ ދޭތެރެއިން ހިދުމަތް ކެނޑުނު ކަމަށްވެސް އެ ކުދިން ބުންޏެވެ.

ޔޫކްރެއިނުން މިއަދު ރާއްޖެއައި ކުދިން ބުނީ، ސަރުކާރުން އެކުދިންގެ ހާލު ވަރަށް ކައިރިން ބަލަމުން ގެންދިޔަ ކަމަށާއި ސަރުކާރުން ކަންތައްކޮށްފައިވާ ގޮތާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ކަންތައްތައް ގޯސްވާން ފަށާއިރަށް އަޅުނގަޑުމެން އެކަން ސަރުކާރުގެ އެލާޓަށް ގެނައިން. އަޅުނގަޑުމެންނަށް ޑައިރެކްޓްކޮށް ފޮރިން މިނިސްޓްރު ދުންޔާއަށް ގުޅުނު. ފޮރިން މިނިސްޓަރު ދުންޔާ ވެސް އަޅުނގަޑުމެންނަށް ޑައިރެކްޓް ކޮށް ގުޅުއްވި. އޭގެ އިތުރުންވެސް ވަރަށް ގިނަ ބޭފުޅުން ގުޅަމުން ގެންދިޔަ،" އެކުދިން ބުންޏެވެ.