ހއ. ދިއްދޫގެ ހުޅަނގު ދެކުނު ފަރާތުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 606 ފޫޓުގެ ތޮށިލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ޖުލްލަ ނުވަ މިލިއަން ރުފިޔާގެ އެ މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނި ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ހުސައިން ސާލިމެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސޮއިކުރެއްވި އިރު އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ވެސް އެ އެއްބަސްވުމުގައި މިނިސްޓަރު ތޯރިގް އިބްރާހީމް ވެސް ސޮއިކުރެއްވި އެވެ.

އެ މަޝްރޫއަކީ، ހައުސިން މިނިސްޓްރީ އިން ބުނި ގޮތުގައި ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއު އެކެވެ. ނަމަވެސް މިނިސްޓަރު މުއިއްޒު ވިދާޅުވީ މި އަހަރު އެ މަޝްރޫއު އަށް ބަޖެޓްކޮށްފައި ވަނީ 3.5 މިލިއަން ރުފިޔާ ކަމަށާއި ބާކީ 5.5 މިލިއަން ރުފިޔާ އެމްޓީސީސީ އާ ހަވާލު ކުރާނީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކަމަށެވެ.

ދިއްދޫ ގިރާ ސަރަހައްދު -- ސަން ފޮޓޯ: ކިޔުންތެރިއެއް

ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމު ދިއްދު އަށް އުދަ އަރަ އެވެ. އަދި އިއްޔެ ވަނީ އެ ރަށުގެ ގިރާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އެ ގޮތުން ރަށުގެ ގިނަ ބަޔަކު ދިރިއުޅޭ ހުޅަނގު ދެކުނު ފަރާތަށް ރާޅު އަރައި މޫދާއި އެންމެ ކައިރީގައި ހުރި ގެތަކަށް ވެސް ކޮންމެ ވެސް ވަރަކަށް އުދަ އަރައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ދިއްދު ތަމްސީލު ކުރައްވާ މެމްބަރު އަބްދުއްލަތީފު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ހައުސިންގް އަދި އެންވަޔަރަ މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީ އާ ހަވާލު ކުރި ތޮށީގެ މަސައްކަތް ނިމުމުން މިހާރު ގިރާ ސަރަހައްދު ހިމާޔަތްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އަދި ރަށު ތެރެ އަށް ރާޅު އެރުމަށް ވެސް ހައްލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ލަތީފު ވިދާޅުވީ ހައުސިން މިނިސްޓްރީ އާއި އެންވަޔަރު މިނިސްޓްރީ އިން އަވަސް ގޮތަކަށް ދިއްދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އެޅި ފިޔަވަޅު ޝުކުރުވެރިކަމާ އެކު ފާހަގަ ކުރާ ކަމަށެވެ.