ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނައިރު، އެޓީމުގެ މެދުތެރޭގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ދެ ކުޅުންތެރިން އެބަތިބި ކަމަށް ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިސް ބުނެފި އެވެ.

ބްރެޒިލްއާ ދެކޮޅަށް ކްރޮއޭޝިއާ ކުޅޭ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.


މިރޭ ކުޅޭ މެޗުގެ ކުރިން ބްރެޒިލްގެ ލުއިސް ބުނީ، ކްރޮއޭޝިއާ ޓީމަކީ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށާއި ކްރޮއޭޝިއާ އަތުން ކާމިޔާބީއެއް ހޯދަން ބޭނުން ނަމަ ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ކްރޮއޭޝިއާ ޓީމުގައި އެންމެ ފާހަގަ ކޮށްލެވޭނީ އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ދެ ކުޅުންތެރިން ކަމަށާއި އެގޮތުން މެދުތެރޭގައި ކުޅޭ މޮޑްރިޗް ހިފެހެއްޓުމަށް ބްރެޒިލްގެ ކުޅުންތެރިން ވަރަށް ހުޝިޔާރު ވާންޖެހޭނެ ކަމަށް ވެސް ލުއިސް ބުންޏެވެ.

"މިރޭގެ މެޗު ކާމިޔާބުކުރުމަށް ފަސޭހަ ނުވާނެ. އިދިކޮޅު ކްރޮއޭޝިއާ ޓީމުގައި ދެރައޭ ބުނާނެ ހަމައެންމެ ކުޅުންތެރިއެއް ވެސް ނެތް. ހާއްސަކޮށް ކްރޮއޭޝިއާ ޓީމުގެ މެދުތެރެ ވަރަށް ގަދަ ވާނެ. " ލުއިސް ބުންޏެވެ.

ލުއިސް ބުނީ، އަމިއްލަ ގައުމުގައި މިފަހަރުގެ މުބާރާތް ބޭއްވި ނަމަވެސް، މިއީ ކޮންފެޑެރޭޝަންސް ކަޕެއް ނޫން ކަމަށާއި ކޮންފެޑެރޭޝަންގައި ބްރެޒިލްއަށް ކާމިޔާބު ހޯދުނު ނަމަވެސް، މިއީ މުޅިން ތަފާތު އަދި އެހާމެ ވާދަވެރި މުބާރާތެއް ކަމަށެވެ.

"މިއީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަށް ވާދަކުރާ މުބާރާތް. އަހަރެމެން 10 ފަހަރު ކޮންފެޑަރޭޝަންސް ކާމިޔާބު ކުރިޔަސް، ވިސްނަން ޖެހޭނެ މިއީ ވޯލްޑް ކަޕްކަން." ޑޭވިޑް ލުއިސް ބުންޏެވެ.