ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ހޮވުމުގެ އިންތިޚާބު އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އިންތިޚާބު އޮންނާނީ ޖުލައި 13 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު ފަހު 3:30 އަށް ކަމަށެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ގާނޫނީ ވަކީލުންނަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް އަދާކޮށްފައިވާ ގާނޫނީ ވަކީލަކަށް އެ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އެ އިއުލާންގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ގާނޫނީ ވަކީލަކަށް ވެސް އެ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އެ އިއުލާންގައި ބުނެފައި ވެއެވެ.