29 Mar 2010, 10:02
10:00
ސިޔާސީ މަގުސަދުތައް ޙާސިލް ކުރުމަށް، ބިރުދެއްކުމަށާއި ޙަމަލާދިނުމަށް ގްރޫޕް ހަދައިގެން އެކިއެކި ހަމަނުޖެހުންތައް ހިންގާ ފަރާތްތައް ބޭނުން ނުކުރުމަށް ސިޔާސީ ޕާޓީތަކަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ސިޔާސީ ކަންކަމުގެ ތެރެއަށް ގްރޫޕް ހަދައިގެން ހަމަނުޖެހުން ހިންގާ ބައެއް ފަރާތްތައް ވަދެ، އެއްބަޔަކު އަނެއްބަޔަކަށް ބިރުދައްކާ ހަމަލާ ދިނުމުގެ ޢަމަލުތައް ހިންގަމުންދިއުމާއި ގުޅިގެން ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ހަފްތާއިން ފެށިގެން ސިޔާސީ ބައެއް ފަރާތްތަކުން ތަފާތު ހަމަނުޖެހުންތައް ހިންގުމަށް ފާޅުގައި ގޮވާލާ، ގްރޫޕް ހަދައިގެން ހަމަނުޖެހުން ހިންގާ ފަރާތްތައް އެއްބަޔަކު އަނެއްބަޔަކަށް ބިރުދެއްކުމަށާއި ހަމަލާދިނުމަށް ބޭނުން ކުރަމުން ދާކަން ވަނީ ފާހަގަކުރެވިފައިވަ ކަމަށެވެ.
ބިރުދެއްކުމަށާއި ޙަމަލާދިނުމަށް ގްރޫޕް ހަދައިގެން އެކިއެކި ހަމަނުޖެހުންތައް ހިންގާ ފަރާތްތައް ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ބޭނުން ނުކުރުމަށާއި، ޒިންމާދާރުކަން ކުޑަކޮށް ސިޔާސީ ޙަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ހުރިހާ ސިޔާސީ ފަރާތްތަކަށް ތަކުރާރުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރާ ކަމަށް ވެސް އެނޫސް ބަޔާނުގައިވެ އެވެ. އަދި އެފަދަ ޢަމަލުތަކުން މުޖްތަމަޢުގެ ހަމަޖެހުމާއި އަމަން އަމާންކަން ނަގާލަން މަސައްކަތްކުރާ ފަރާތްތަކާއި، އެފަދަ ޢަމަލުތައް ހިންގުމަށް އަޑީގައި ތިބެގެން ރާވާ، ހިތްވަރުދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ. އަދި ތަފާތު ހަމަނުޖެހުންތައް ހިނގުމުން އެކަން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ފަރާތްތަކާމެދު ވެސް ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.