12 Jun 2014, 14:13
ވޯލްޑް ކަޕް ހުޅުވުމަށްޓަކައި އަމިއްލަ ގައުމުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުތުމަށް ކެތްމަދުވެފައިވާ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.
ކެތްމަދުވެފައިވާ ނޭމާއާ އެކު، މި މުބާރާތަށް ބްރެޒިލްގެ ސަޕޯޓަރުން ވެސް ތިބީ ކެތްމަދުވެފައެވެ. އަނެއްކޮޅުން މި މެޗަށް ނުކުންނަ އިރު، އަމިއްލަ ގައުމުގައި ކުޅޭ ބްރެޒިލް އަށް ޕްރެޝަރެއް އޮންނާނެ އެވެ.
"ވަގުތު ޖެހިއްޖެ. ފުރަތަމަ މެޗަށް ނުކުތުމަށް އަހަރެން މިހިރީ ކެތްމަދުވެފައި،" އިއްޔެ ބޭއްވި ނޫސް ކޮންފެރެންސްގައި ވާހަކަދައްކަމުން ނޭމާ ބުންޏެވެ. "އެންމެންވެސް އިންތިޒާރު ކުރަމުން އައި ވަގުތު އައިސް މި ޖެހުނީ."
މި މުބާރާތަށް ނުކުންނަ އިރު، ބްރެޒިލް ޓީމުން އެންމެ ފާހަގަކޮށްލެވޭ އަދި މަރަކާނާ ސްޓޭޑިއަމްގައި ކުޅޭ ވޯލްޑް ކަޕް ފައިނަލަށް އެ ޓީމު ގެންގޮސްދެވޭނެ އެއް ކުޅުންތެރިޔަކީ ނޭމާ އެވެ. ބްރެޒިލްގެ ލެޖެންޑް ޕެލޭ ކުޅުނު ދިހަ ނަންބަރު ޖާޒީގައި ކުޅެން ނުކުންނަ ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ.
"އަހަރެން މިހާރު މިހުރި ހިސާބާ މެދު އަހަރެން ފަހުރުވެރިވަން،" އޭނާ ބުންޏެވެ. "އަހަރެންގެ ރައްޓެހިން ބުނި ހަގީގަތަކަށް ހަދައިދޭން މިއުޅެނީ ހަމައެކަނި އަހަރެންގެ ހުވަފެނެއް ނޫން ކަމަށާއި، އެއީ އެމީހުންގެ ވެސް ހުވަފެނެއް ކަމަށް. އަހަރެންނަށް މޮޅު ކުޅުމެއް ދެއްކޭނެ ކަމަށް އުންމީދުކުރާ ކުރުން. އަދި ބްރެޒިލްއަށް ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް އުންމީދުކުރަން."
ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ މިރޭ މެންދަމު 01:00 ގައެވެ.