12 Jun 2014, 13:42
ދުނިޔޭގެ ތަށްޓަށް ކުޅޭ ވޯލްޑްކަޕް މުބާރާތުގެ ފުރަތަމަ މެޗްގައި ބްރެޒިލްއާ ދެކޮޅަށް ނުކުންނައިރު ކްރޮއޭޝިޔާ ޓީމް ފަހަތަށް ނުޖެހޭނެ ކަމަަށާއި މިރޭ ބްރެޒިލްއާ ދެކޮޅަށް ކުޅޭނީ ވަރުގަދަ އެޓޭކިން ގޭމެއް ކަމަށް އެޓީމުގެ ކޯޗްގެ ނިކޯ ކޮވަޗް ބުނެފިއެވެ.
ކްރޮއޭޝިޔާ ގެ ކޯޗް ކޮވަޗް ބުނީ މިގުރޫޕްގެ ފޭވަރިޓުންނަކީ ބްރެޒިލް ކަމަށާއި މިރޭގެ މެޗްގައި މުބާރާތް ބާއްވާ ގައުމު ބްރެޒިލް އަށް ސަޕްރައިޒެއް ދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. "މި ތާރީޚީ މެޗުގައި އަހަރެމެންގެ އެންމެ ބެސްޓް ދެއްކޭތޯ މަސައްކަތް ކުރާނަން. އަހަރެމެން ޖެހޭ އޭޓެކް ކުރަން. ބްރެޒިލް އަކީ ވަރުގަދަ ޓީމެއް،" މެޗާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެމުން ކޮވަޗް ބުންޏެވެ.
އެންމެ ފަހުން ބްރެޒިލްގެ އަމިއްލަ ދަނޑުގައި ކުޅެގެން އެޓީމު ބަލިވެފައި ވަނީ 1975 ގެ ކޮޕާ އެމެރިކާ މުބާރާތުގައި ޕެރޫއަތުން 3-1 ލަނޑުންނެވެ. މިހާތަނަން ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖް ގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާ ނިމިފައި ހުރީ ބްރެޒިލް ކޮޅަށެވެ. އޭގެ ތެރެއިން ޖުމްލަ 14 މެޗް ބްރެޒިލް ކާމިޔާބުކޮށްފައިވާ އިރު ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބްރެޒިލް ވަރުގަދަވުމުން ޑިފެންސިވް ގޭމެއް ނުކުޅޭނެ ކަމަށް އިޝާރާތް ކޮށް ކޮވަޗް ބުނީ "އަހަރެމެން ބަހެއް ޕާކެއް ނުކުރާނަން" ކަމަށެވެ.
"އަހަރެމެން ބަލާނަން ބޯޅަ ހިފަހަޓައިގެން ގިނައިރު ކުޅެވޭތޯ. އަހަރެމެން އެގޮތަށް ކުޅެފިނަަމަ އިދިކޮޅު ޓީމަށް ލަނޑުޖަހަން އުނދަގޫވާނެ. އަހަރެމެން ބަލާނީ ބައި ކޮޅަށް ގޯލެއް ނުވަދެ ލަނޑު ޖެހޭތޯ" ކޮވަޗް ބުންޏެވެ.
އެންމެ ފަހުން މިދެޓީމު ވޯލްޑްކަޕެއްގައި ވާދަކޮށްފައި ވަނީ މީގެ އަށް އަަހަރު ކުރީން 2006 ވަަނަ އަހަރު ޖަރުމަނުގައި އޮތް ވޯލްޑްކަޕް މުބާރާތުގަ އެވެ. ކާކާ ފުރަތަމަ ހާފްގެ 44 ވަނަ މިނިޓްގައި ޖެހި ލަނޑާ އެކު އެމެޗު ބްރެޒިލުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ. ބްރެޒިލް އާއި ކޮރޮއޭޝިޔާ ވާދަކުރާ މެޗް ފެށޭނީ މިރޭ ރާއްޖޭ ގަޑިން 1:00 ގައެވެ.