މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައި ވާ އިރު އެންމެ ފުރަތަމަ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ތ. އަތޮޅަށް ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު ސަންއަށް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ސީ ޕްލޭންގެ ދަތުރުތައް މޯލްޑިވިއަންއިން ފެށުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ ދަތުރުތައް މިއޮތީ ތ. އަތޮޅަށް، އަޅުގަނޑުމެންގެ އުންމީދަކީ މިއަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ދަތުރުތައް ފެށިގެންދާނެ ކަމަށް،" ހާރިޝް ވިދާޅުވި އެވެ.

ހާރިޝް ވިދާޅުވީ، ފުރަތަމަ ފަށާ ދަތުރުތަކާ އެކު ކޮންމެ ދުވަހަކު ދެ ދަތުރު ތ. އަތޮޅަށް ކުރަން ހަމަޖެހިފައި ވާ ކަމަށެވެ. އަދި ދަތުރުތައް ފެށުމާއެކު ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ވެސް މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.

ހާރިޝް ވިދާޅުވީ، އެ ދަތުރުތަކުގެ އަގުތައް އަދި ކަނޑައަޅާފައި ނުވާއިރު "އަގުތައް ހެޔޮވާނެ ކަމަށް އުންމީދު ކުރެވޭ" ކަމަށެވެ.

ގައުމީ އެއާލައިގެން މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މޯލްޑިވިއަންގެ އެއް ސީ ޕްލޭން މިހާރުވެސް ދަތުރުތަކަށް ތައްޔާރަށް އޮތްއިރު ދެ ވަނަ ސީ ޕްލޭންގައި ކަނދުހަރުކުރުމާއި އެހެނިހެން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެ ފްލައިޓް ތަކުގެ ޓެސްޓް ދަތުރުތައް މިމަހުގެ ފަހު ހަފްތާގައި ބާއްވާނެ ކަމަށް ވެސް ހާރިޝް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތަކަށް ބޭނުންކުރަނީ "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ފްލައިޓްތަކެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.