12 Jun 2014, 13:23
މެލޭޝިޔާގެ ޗެޓިއާއޫ ސްޕާ އެންޑް ވެލްނެސް ރިސޯޓުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާސެވެން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑްސްއަށް ރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.
މަތީ ފަންތީގެ ޓޫރިޒަމް މާކެޓްތަކަށް އަމާޒުކޮށްގެން ބާއްވާ މި ހާއްސަ އެވޯޑްގައި ރާއްޖެ ނޮމިނޭޓް ވެފައި ވަނީ، "ސެވަން ސްޓާ ޑެސްޓިނޭޝަން" ކެޓަގަރީއަށެވެ.
ސެވަން ސްޓާ ޑެސްޓިނޭޝަން ކެޓަގަރީއަށް ރާއްޖޭގެ އިތުރުން ފަތުރުވެރި ކަމުގައި ކުރިއަރާފައިވާ 22 ގައުމެއް ވާދަކުރާ އިރު އޭގެ ތެރޭގައި ބްރެޒިލް އޮސްޓްރޭލިޔާ، ދުބާއީ، ސީޝެލްސް، މޮރިޝަސް، ސިންގަޕޫރު އަދި ފްރާންސާއި އިޓަލީ ފަދަ ގައުމުތައް ހިމެނެއެވެ.
މިދިޔަ އަހަރު ސްޕެއިންގައި ބޭއްވި، ސެވަން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑްސްގައި ވެސް "ސެވަން ސްޓާ ޑެސްޓިނޭޝަން" އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ. އެފަހަރު ފަތުރުވެރިކަމުގެ ދުނިޔޭގެ މަތީ ފެންވަރުގެ މަންޒިލަކަށް ރާއްޖޭގެ އިތުރުން ހޮވިފައި ވަނީ، އޮސްޓްރިއާ އާއި ތުރުކީ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، މެލޭޝިޔާގައި ކުރިއަށް ގެންދާ ފަތުރުވެރި ކަމުގެ ހާއްސަ އެވޯޑްސް ހަފްލާގެ "އައުޓް ސްޓޭންޑިން އެޗީވްމަންޓް އިން ޓޫރިޒަމް" އެވޯޑަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ވެސް ނޮމިނޭޓް ވެފައި ވާ ކަމަށެވެ. ރާއްޖެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެންމެ ނާޒުކުކޮށް ދިޔަ ދުވަސްވަރުގައި ވެސް ރާއްޖޭގެ ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާތީ މިނިސްޓަރު އަދީބަށް ވަނީ، ހުސްވި އަހަރުވެސް "އައުޓް ސްޓޭންޑިން އެޗީވްމަންޓް އިން ޓޫރިޒަމް" އެވޯޑް ލިބިފައެވެ.
އެމްއެމްޕީއާރުސީން ބުނީ، މިފަހަރުގެ އެވޯޑް ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
" ދަ ސީލް އޮފް އެކްސެލެންސް"ގެ ގޮތުގައި ދެވޭ ސެވެން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑްސް ކުރިއަށް ގެންދަނީ، އެ ގްރޫޕުން އެކަމަށް ކަނޑައަޅާ މަތީފެންވަރުގެ ޖަޖުންގެ ޕެނަލަކުން، އެވޯޑަށް ވާދަކުރާ ފަރާތްތައް ކަނޑައެޅުމުން،ސެވެން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑް ވެބްސައިޓްމެދުވެރިކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޓްރެވަލް އޭޖެންޓުންނާއި ޓްވަލް އޮޕަރޭޓަރުންނާއި އެދާއިރާގެ ފަންނީ މީހުންނާއި އަދި އާންމުން ވޯޓުލައިގެންނެވެ.