ގ. ވޭރު އަބްދުލްމުހީތު މަރާލިކަމަށް ތުހުމަތު ކުރެވޭ ގދ. ގައްދޫ އަބުލަޣީގޭ މުހުޖަތު އަހްމަދު ނާސިހުގެ ދިފާއީ ހެކީންގެ ހެކިބަސް ނަގައި ނިމިއްޖެ އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުހުޖަތުގެ ދިފާއުގައި ތިން މީހަކު ހެކިބަސްދީފައިވާ އިރު، މިއަދު ހެކިބަސްނެގި އޭނާގެ ހެކިވެރިޔާ ބުނެފައި ވަނީ މުހީތު މަރާލި ރޭ އޭނާ އުޅުނުތަނެއް ހަނދާނެއް ނެތް ކަމަށެވެ.

މުހުތަޖުގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ސ. މަރަދޫ ސަލްޓަންސްވިލާ އަލީ މުޝައްފު އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ މުޝައްފައު ދިފާއުގައި ހުށަހަޅާފައިވާ ދެ ހެކިވެރިންގެ އެޑްރެސް އެނގެން ނެތުމުން އެމީހުން ކޯޓަށް ހާޒިރުނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ހަތް ދުވަހުގެ ތެރޭގައި އެމީހުންގެ އެޑްރެސް ލިޔުމުން ކޯޓަށް ހުށަހެޅުމަށް ގާޒީ ވަނީ އޭނާ އަށް އަންގާފަ އެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

މުހީތު މަރާލުމުގެ ކުށުގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ދެ ކުދިން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.