12 Jun 2014, 12:11
ފުލުސް ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ވަޒީފާ އިން ވަކިކުރި ކުރީގެ ޗީފް އިންސްޕެކްޓަރު އޮފް ފޮލިސް ހުސައިން ރިޝީފް ތޯހާ އަށް ވަޒީފާ ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ އަށް ވަޒީފާ ދީފި އެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޝީފަށް ވަޒީފާ ދީފައި ވަނީ އޭނާ ކުރިން ވެސް ހުރި މަގާމުގައި ކަމަށާއި އަދި އޭނާ ކުރިން ވެސް ހުރި ރޭންކްގައި ކަަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރާ އެގޮތަށް ރިޝީފަށް ވަޒީފާ ދީފައި ވާތީ އިއްޔެއިން ފެށިގެން އޭނާ އެ ވަޒީފާއަށް ނިކުންނަން ފަށާފައިވާ ކަމަށެވެ.
ރިޝީފަށް ވަޒީފާ ދީފައި މިވަނީ އޭނާ އަށް ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މި މަހުގެ ދެވަނަ ދުވަހު ހުކުމްކުރުމުންނެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ، އެ މައްސަލައިގެ ތުހުމަތުގައި 2010ގައި ރިޝީފް ވަޒީފާ އިން ވަކިކުރުމުން އޭނާ އަށް ވަޒީފާ ދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. ރިޝީފަށް ވަޒީފާ ދޭންޖެހޭނެ ކަމަށް 2012ގައި ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ރިޝީފަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށެވެ.
ހައިކޯޓުގެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު މިމަހުގެ ދެ ވަނަ ދުވަހު އިއްވި ހުކުމުގައި، ބުނެފައި ވަނީ ހައިކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެހެން ކަމުން އޭނާ އަށް ވަޒީފާ ދޭން ޖެހޭނެ ކަމަށެވެ.
ރިޝީފް ވަޒީފާ އިން ވަކިކުރީ އޮގަސްޓް 6، 2010 ވަނަ ދުވަހުގެ ރޭ ފަތިހު މާވެޔޮ މިސްކިތް ކައިރީގައި ހުރި އަންހެން ކުއްޖަކު ގަދަކަމުން ފުލުހުންގެ ކާރަކަށް އަރުވައިގެން އޭނާ ބަރަހަނާކޮށް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައެވެ.
ބ. ދަރަވަންދޫ އެއާޕޯޓުގައި ބިޔަރު ދަޅެއް ބޯން އިންކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.