އަންކަރާ (ޖޫން 12): އިރާގުގައި ހަރަކާތްތެރިވާ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ"ދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް"(ދާޢިޝް)ގެ އަތްދަށަށް އެގައުމުގެ ދެވަނަ ސިޓީ ކަމަށްވާ މޫސަލް ދިޔުމާގުޅިގެން އިރާގުގެ އިތުރުން އަވަށްޓެރި ގައުމުތަކަށް ވެސް ނުރައްކާތެރިކަން ކުރިމަތިވެފައި ވާތީ އެކަމާ ބެހޭ ގޮތުން ނޭޓޯގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ތުރުކީން ގޮވާލި ގޮވާލުމަކަށް ނޯޓޯގެ ސަފީރުން ބްރަސަލްސްގައި ބައްދަލު ކުރައްވައިފި އެވެ.
ތުރުކީ ސަރުކާރުން ބުނީ މޫސަލްގައި ހުންނަވާ ތުރުކީގެ ކޮންސަލް އާއި ތުރުކީގެ ގިނަ އަދަދެއްގެ ރައްޔިތުން ރަހީނުންގެ ގޮތުގައި ދާއިޝްގެ ހަނގުރާމަވެރިން ހިފަހައްޓާފައިވާ ކަމަށާ އެޖަމާއަތުގެ ނުރައްކަލާބެހޭ ގޮތުންނާއި އެޖަމާއަތް މައިތިރި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނާ އަދި ރަހީންކޮށްފައިވާ ތުރުކީ ރައްޔިތުން މިނިވަންކުރުމާބެހޭ ގޮތުން ނޭޓޯއާއި އިރާގު ސަރުކާރާ މަޝްވަރާ ކުރަމުން ގެންދާ ކަމުގަ އެވެ.

އީރާނުން ވެސް ވަނީ ދާއިޝްގެ ހަނގުރާމަވެރިންނާ ކުރިމަތިލުމުގައި އިރާގު ސަރުކާރަށް އެހީތެރިވާން ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ އިރާގު ސަރުކާރުން ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހިންގަމުންގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި އިރާގު ސިފައިންނަށް އެހީތެރިވުމަށް އީރާނުން ހުށަހަޅާފައިވާނެ ކަމުގަ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިރާގުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ހިންގަމުންގެންދަނީ ބޮންގޮއްވުމާއި މީހުން މެރުމުގެ ޓެރަރިޒަމްގެ އަމަލުތައް ކަމަށާ އެފަދަ ޖަމާއަތްތަކުގެ ނުރައްކަލުން އިރާގާއި އިރާގުގެ އަވަށްޓެރި ގައުމުތައް ސަލާމަތްކުރުމަށް ވާންޖެހޭ ކޮންމެ އެހީއެއް އީރާނުންވާނެ ކަމުގަ އެވެ.

ދާޢިޝްގެ އަތްދަށަށް މޫސަލް ދިޔުމާގުޅިގެން އިރާގުގެ އިތުރުން އަވަށްޓެރި ގައުމުތައް ވެސް ކަންބޮޑުވެފައިވަނިކޮށް އިރާގުގެ އުތުރުގެ އެހެން ރަށެއްކަމަށްވާ ތިކްރީތުގެ ބައެއް ސަރަހައްދުތަކަށް ވެސް ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު އިއްޔެ ވަނީ ވަދެގެންފަ އެވެ. ތިކްރީތަށް ހަތިޔާރާ އެކު ވަދެގެންފައި ވަނީ ކޮންޖަމާއަތެއްގެ ބައެއްކަން އަދި ސާފުވެފައެއް ނުވެ އެވެ. މިއީވެސް ދާޢިޝްގެ ހަނގުރާމަވެރިން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އިރާގުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވަނީ މޫސަލްއިން ދާޢިޝްގެ ހަނގުރާމަވެރިން ބޭރުކޮށްލާނެ ކަމަށް އިރާގު ރައްޔިތުންނަށް ވައުދުވެވަޑައިގެންފަ އެވެ.
އީރާނުގެ އިތުރުން އެމެރިކާއާއި ޔޫރަޕްގެ ގައުތަކުން ވެސް ގެންދަނީ ދާޢިޝްގެ ހަނގުރާމަވެރިންނާ ކުރިމަތިލައި އެމީހުން މައިތިރި ކުރުމުގައި އިރާގު ސިފައިންނަށް އެހީތެރިވުމާ ބެހޭ ގޮތުން އިރާގާއި އެގައުމުގެ އަވަށްޓެރި ތުރުކީއާ މަޝްވަރާ ކުރަމުންނެވެ. އިރާގުގެ ޚާރިޖީ ވަޒީރު ހޫޝިޔާރު ޒީބާރީ ވިދާޅުވީ އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތަކުގައި ގިނައިން ހަރަކާތްތެރިވަނީ އެކި ގައުމުތަކުން އިރާގަށް އައިސްފައިވާ ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރިން ކަމަށާ އެމީހުން އިރާގުން ބޭރުކޮށްލުމަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން އަރަބި ލީގާއި ޔޫރަޕްގެ އިއްތިޙާދުން ލިބިފައިވާ ކަމުގަ އެވެ.

އިރާގުގައި ހަނގުރާމަވެރިންގެ ޞާރުގަދަވަމުންދާ މައްސަލާގައި ގްރީސްގެ ވެރިރަށް އެތެންސްގައި އަރަބި ލީގާއި ވިލާތުގެ އިއްތިޙާދުގެ މަންދޫބުން ބައްދަލުކުރެއްވުމަށް ފަހު ދެފަރާތުން އިއްޔެ ނެރުނު ގުޅިފައިވާ ބަޔާނުގައި އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް އިރާގު ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތާއީދކުރާކަން ހާމަކޮށްފައިވެ އެވެ. އަދި ހަނގުރާމަވެރިންގެ އަތްދަށަށް އިރާގުގެ ސަރަހައްދުތައް ދިޔުމަކީ މެދުއިރުމަތީގެ ހުރިހާ ގައުމަކަށް އޮތް ބޮޑު ބިރެއްކަމަށް ވެސް ސިފަކޮށްފައިވެ އެވެ. ދާޢިޝް ޖަމާއަތުގެ ހަނގުރާމަވެރިން މިދިޔަ އަންގާރަ ދުވަހު އިރާގުގެ ދެވަނަ ސިޓީ ކަމަށްވާ މޫސިލް ހިފުމާއެކު އެމީހުން ހިންގަފާނެ ގަތްލު އާންމަކަށް ބިރަށް މޫސަލްގެ ފަސްލައްކައެއްހާ ރައްޔިތުން ގެދޮރާއި މުދައު ދޫކޮށްލުމަށް ފަހު ރެފިއުޖީންގެ ގޮތުގައި އެރަށުން ފާބައި އަވަށްޓެރި ސަރަހައްދުތަކަށް ހިޖްރަ ކުރަމުން ދިޔުމުގެ ސަބަބުން އިރާގުގައި ވަނީ އަނެއްކާވެސް ރެފިއުޖީންގެ ބޮޑު މައްސަލައެއް އުފެދިފަ އެވެ.

މޫސަލް އިން ލިބޭ ޚަބަރުތައް ބުނާ ގޮތުން "ދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިން ވަނީ އެޖަމާއަތުގެ ވެރިކަމަށް "އިރާގާއި ޝާމްކަރައިގެ އިސްލާމީ ޚިލާފަތް" މިނަން ކިޔުމަށާ ދާޢިޝްގެ ނަމުން އެޖަމާއަތާ މުޚާތަބު ކުރާ މީހުން ހިފަހައްޓައި އެމީހުންނަށް އަދަބު ދިނުމުގެ ގޮތުން އެއިން ކޮންމެ މީހަކު 80 އެތިފަހަރުން ތައުޒީރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. "ދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް" (ދާޢިޝް) ޖަމާއަތުގެ މަގްސަދަކީ އިރާގާއި ޝާމްކަރައިގެ ސަރަހައްދުގައި އެޖަމާއަތުގެ ފިކުރާ އެއްގޮތަށް އިސްލާމީ ޚިލާފަތުގެ ނަމުގައި ޚިލާފަތުގެ ވެރިކަމެއް ގާއިމް ކުރުން ކަމަށް އެޖަމާއަތުން ބުނެ އެވެ.

ދާޢިޝް އިން އިރާގުގައި އެންމެ ފުރަތަމަ އިސްލާމީ ޚިލާފަތެއް ގާއިމްކުރިކަން އިޢްލާން ކޮށްފައި ވަނީ 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަދުވަހު އިރާގުގެ އުތުރުގައި އެމީހުން ކޮންޓްރޯލް ކުރި އަލްއަންބާރު ސަރަހައްދުގަ އެވެ. ނަމަވެސް އިރާގު ސަރުކާރުން ވަނީ 2007 ވަނަ އަހަރު އެސަރަހައްދުން ދާޢިޝްގެ ހަނގުރާމަވެރިން ފައްސާލައި އެދައުލަތް ވައްޓާލާފަ އެވެ. އެއަށް ފަހު ފާއިތުވި އަހަރުތަކުގައި އެޖަމާއަތް ބަލިކަށިވެފައި ވަނީ އިރާގު ސަރުކާރުން އެޖަމާއަތާ ހަނގުރާމަ ކުރުމަށް އުފެއްދި އައްސަޙަވާތު ހަނގުރާމަވެރިންގެ ހަމަލާތަކާ ގުޅިގެންނެވެ.

ނަމަވެސް 2009 ވަނަ އަހަރު އިރާގު ސަރުކާރުން އައްސަހަވާތު ލަޝްކަރު އުވާލުމާ އެކު ދާޢިޝްގެ ހަނގުރާމަވެރިން އިރާގުގެ އުތުރުގައި ބާރުގަދަކުރަންވަނީ ފަށާފަ އެވެ. މިގޮތުން ފާއިތުވި ހަތަރު އަހަރު ތެރޭގައި ޢިރާގުގެ ސަލަފީންގެ އެތަށް ޖަމާއަތެއް ދާޢީޝް އަށް ބައިއަތު ހިފައި އެޖަމާއަތާ ބައިވެރިވެފައިވެ އެވެ. މިގޮތަށް މިދިޔަ ހަތަރު އަހަރު ތެރޭގައި ދާޢިޝް އާ ގުޅުނު ސުންނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި "ޖައިޝުލްފާތިޙީން"،"ޖުންދުއްސަޙާބާ" ،"އަންސާރުއްތަވްޙީދު ވައްސުންނާ" ފަދަ ޖަމާއަތްތައް ހިމެނެ އެވެ. ދާޢިޝްގެ ލީޑަރު އަބޫބަކުރުލް ބަޣްދާދީއަކީ ވަނީ އޭނާއަކީ އަމީރުލްމުއްމިނީން ކަމަށް ސިފަކޮށް ކުރު މުއްދަތެއްގެ ތެރޭގައި ދާޢިޝްގެ ބާރު އިރާގާއި ސޫރިޔާގައި ވަރުގަދަ ކޮށްފަ އެވެ. (ނޫސްއެޖެންސީތައް)