ނޫފަހި ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕް ފުޓް ބޯޅަ މުބާރާތުގައި އެމްއެންޑީއެފް އަތުން 2-1 އިން މޮޅުވެ، ގްރޫޕް ސްޓޭޖްގައި ބާކީ އެއް މެޗް އޮއްވައި ސަން ޓީމް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ލައިފް ބޯއީ ޓާފް ދަނޑުގައި މިރޭ 9:00 ގައި ކުޅުނު މެޗުގައި އެމްއެންޑީއެފްގެ މައްޗަށް ސަން އިން ކުރި ހޯދުމުން، ހަ ޕޮއިންޓާ ފައިދާ ފަސް ގޯލާއެކު މުބާރާތުގެ އެންމެ ކުރީގައި އޮތީ ސަން އެވެ. މިރޭގެ މެޗުން ބަލިވި އެމްއެންޑީއެފް އޮތީ އެއް ޕޮއިންޓާ އެކު މުބާރާތުގެ ތިން ވަނައިގަ އެވެ. މުބާރާތުގެ ދެ ވަނަ ޓީމުގެ ގޮތުގައި ހަތަރު ޕޮއިންޓާ އެކު އޮތީ މިއަދު ހަވީރު ޕޮލިސް އަތުން 4-0 އިން މޮޅުވި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ޕޮލިސް ކުލަބެވެ.

ސަން ޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗުގެ ފުރަތަމަ ލަނޑު އެ ޓީމަށް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ލަންކާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ހަސީނީ މަދުސާނީ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި މާގިނައިރު ތަކެއް ނުވަނީސް ސަން ޓީމުން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ސަން ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އާމިނަތު ނަޒުރާ އެވެ.

މިރޭގެ މެޗުގައި ސަން ޓީމް ކޮޅަށް އެމްއެންޑީއެފުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެން ދަނިކޮށް، ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ އާމިނަތު ޒާހިޔާ އެވެ. އެޕެނަލްޓީ އަކީ ސަން ޓީމުގެ ޕާކިސްތާން ކުޅުންތެރިޔާގެ އަތުގައި ބޯޅަ ޖެހުމުން އެމްއެންޑީއެފަށް ލިބުނު ޕެނަލްޓީއެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސަން ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބުނެވެ. އެގޮތުން ސަން ޓީމުގެ ސްރީލަންކާ ކުޅުންތެރިޔާ އެމްއެންޑީއެފްގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ތިން ހަމަލަ ވެސް ދިޔައީ ގޯލުގެ އެއް އަރި މަތިން ބޭރަށެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި ވެސް ސަން ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބުނެވެ.

މިރޭ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސަން ޓީމުގެ ކެޕްޓަން އައިޝަތު މާހިންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސަން ޓީމް ދެން ބައްދަލުކުރާނީ ނިއުއާ ދެކޮޅަށެވެ. ލައިފް ބޯއީ ޓާފް ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:15 ގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ޖުމުލަ ހަތަރު ޓީމު ބައިވެރިވެގެން ކުރިއަށް ގެންދާ މި މުބާރާތުގައި، ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ކުރީގައި އޮންނަ ތިން ޓީމަކަށް ސެމީގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން އެއްވަނަ އަދި ދެ ވަނަ އަށް ދާ ދެ ޓީމުގެ ދެމެދުގައި ފުރަތަމަ ސެމީ ކުޅެ މޮޅުވާ ޓީމެއް ފައިނަލަށް ދާގޮތަށް އަދި އެ މެޗުން ބަލިވާ ޓީމަކާއި ތިންވަނައަށް ދިޔަ ޓީމާ ދެމެދު ދެ ވަނަ ސެމީއެއް ކުޅެ އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.

މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވާ އިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު ހަވީރު 4:15 ގަ އެވެ.