11 Jun 2014, 23:39
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު އެމްޑީޕީގެ ރަސްމީ ހަރުގޭގެ ސިޔާސީ ހަރަކާތް ހުއްޓިފައިވާތާ ދެ އަހަރު ފަހުން، އެ ޕާޓީން އާ ހަރުގެއެއް ހުޅުވައި ސިޔާސީ ހަރަކާތް ފަށައިފި އެވެ.
އިދިކޮޅު ޕާޓީ، އެމްޑީޕީންގެ ހަރުގެ ހުޅުވާފައި ވަނީ ރެހެންދި ހިނގުމުގައި ހުންނަ ގ. އާރަސްގަ އެވެ. އެ ހަރުގެ ހުޅުވައިދެއްވީ އެ ޕާޓީގެ އިސް މެންބަރެއް ކަމަށްވާ އަހުމަދު އައްބާސް އެވެ. ހަރުގެ ހުޅުވި ރަސްމިއްޔާތުގައި ރައީސް ނަޝީދާއި މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ ޝާހިދު އަދި މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ރީކޯ މޫސާމަނިކާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ހަރުގެ ހުޅުވުމަށްފަހު މިރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މިހާރުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަށް ހޯދައިދީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައި ދިނުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އެހެންކަމުން އެމްޑީޕީން މިރޭ ނުކުތީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިރޭ މި ނުކުތީ ސަރުކާރުން ޒިންމާދާރު ކުރުވާ، ކިބުރުވެރި ކަމުގައި މަޖިލީހުގައި ތިބި މެންބަރުން ސައިޒައް ތިރިކޮށްލަން. ކުރިން ވެސް އެކަން ކޮށްފަ އޮންނާނީ ދެން ވެސް ކުރާނަން. މަޖިލީހުގަ އެމްޑީޕީގެ ދެ މެންބަރުން ތިއްބަސް ވެސް ސަރުކާރު ސައިޒައް ތިރިކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
އެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ވަހީދު ވިދާޅުވީ، "ދިވެހިރާއްޖެ އަލުން ރުކުރުވާލަން" އެމްޑީޕީ ނުކުންނަން ޖެހޭ ކަމަށާއި، މަޖިލީހުގައި މި ވަގުތު އެމްޑީޕީގެ މެންބަރުން މަދުކަމުގައި ވިޔަސް ވެސް އެމްޑީޕީގެ މެންބަރުން އަބަދު ވެސް ވަރުގަދަވާނެ ކަމަށެވެ. އަދި ސަރުކާރުން ޒިންމާދާރު ކުރުވަން އެމްޑީޕީގެ ސިޔާސީ ހަރަކާތް މިރޭ އަލުން ފެށުނީ ކަމަށާއި، އެ ހަރަކާތުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރާއްޖޭގެ ސިއްހީ ދާއިރާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އެންޑީޕީގެ ސިޔާސީ ހަރަކާތް މިރޭ އަނެއްކާ މި ފެށުނީ. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވެގެން ދާނީ ރާއްޖޭގެ ސިއްހީ ދާއިރާ ރަނގަޅު ކުރުން. މި ހަރަކާތް އެމްޑީޕީން ނިންމާލާނީ އެމްޑީޕީގެ ކެންޑިޑޭޓެއް މި ރާއްޖޭގެ ވެރިކަމަށް އައުމަށް ފަހު،" އަލީ ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީން މިރޭ ހުޅުވި އެ ޕާޓީގެ ހަރުގެއާއެކު، އަތޮޅުތެރޭގައި ވެސް އިތުރު ހަރުގެތަށް ހުޅުވިގެން ދާނެ ކަމަށާއި މާލޭގައި މިރޭ ހުޅުވި ޖަގަހައިގައި ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ވެސް ޖަލްސާތަށް ބާއްވަމުން ދާނެކަމަށް އެ ޕާޓީން ބުނެ އެވެ.